2026ޖެނުއަރީ 1 ވީ ބުރާސްފަތި ދުވަހު، ނިއުޔޯކްގެ މޭޔަރުކަމަށް އިންތިޚާބުވެވަޑައިގެންނެވި ޒޯހްރާން މަމްދާނީ (މެދުގައި) މަގާމުގެ ހުވާ ކުރައްވައިފިއެވެ. މަމްދާނީއަށް ހުވާލައިދެއްވަނީ ނިއުޔޯކްގެ އެޓާނީ ޖެނެރަލް ލެޓިޝިއާ ޖޭމްސް ( ފޮޓޯގެ ވާއަތްފަރާތުގައި) އެވެ. މި ރަސްމިއްޔާތު ބައްލަވަން މަމްދާނީގެ އަނބިކަނބަލުން ރާމާ ދުވާޖީ އަރިހުގައި ހުންނެވިއެވެ.
މެންހަޓަންގެ ބޭނުންކުރުން ހުއްޓާލާފައިވާ ތާރީޚީ ސަބްވޭ ސްޓޭޝަނެއްގައި ބޭއްވުނު މި ރަސްމިއްޔާތާއެކު، އޭނާ ވެވަޑައިގެންފައިވަނީ އެމެރިކާގެ އެންމެ ބޮޑު ސިޓީގެ މޭޔަރުކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ މުސްލިމް ބޭފުޅާއަށެވެ. މަމްދާނީ މަގާމުގެ ހުވާ ކުރެއްވީ ކީރިތި ގުރުއާނުގައި އަތްޕުޅު ބާއްވައިގެން ހުންނަވައެވެ.
ހުވާކުރެއްވުމަށްފަހު ދެއްވި ކުރު ބަޔާނެއްގައި މަމްދާނީ ވިދާޅުވީ، މިއީ އޭނާގެ މުޅި ހަޔާތުގައިވެސް ލިބިވަޑައިގަތް އެންމެ ބޮޑު ޝަރަފާއި ފަޚުރު ކަމަށެވެ.

ނިއުޔޯކްގެ އެޓާނީ ޖެނެރަލް ލެޓިޝިއާ ޖޭމްސް ކުރިއަށްގެންދެވި މި ޚާއްޞަ ރަސްމިއްޔާތު ބާއްވާފައިވަނީ، އާކިޓެކްޗަރަލް ގޮތުން ފާހަގަކޮށްލެވޭ ރީތި ފަރުމާއަކަށް ހަދާފައިވާ ދުވަސްވީ "ސިޓީ ހޯލް ސްޓޭޝަން" ގައެވެ. މި ރަސްމިއްޔާތާއެކު ސިޓީގެ ވެރިކަން ބަދަލުވުމުގެ ރަސްމީ މަރުހަލާ ވަނީ ނިމިފައެވެ.
މަމްދާނީގެ ވާހަކަފުޅުގައި، ހުވާކުރުމުގެ ރަސްމިއްޔާތު ސަބްވޭ ސްޓޭޝަނެއްގައި ބޭއްވުމުގެ މަގުސަދަކީ، ސިޓީގެ ކުރިއެރުމާއި ދިރުމުގައި އާންމު ދަތުރުފަތުރުގެ ނިޒާމަށް އޮތް މުހިންމުކަން ހާމަކޮށްދިނުން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓޭޝަންގެ ކޮމިޝަނަރުގެ މަގާމަށް މައިކް ފްލިން އައްޔަންކުރެއްވިކަންވެސް އޭނާ ވަނީ މި ރަސްމިއްޔާތުގައި އިޢުލާނު ކުރައްވާފައެވެ.
އެމެރިކާގެ ސިޔާސީ ދާއިރާގެ އެންމެ ނުފޫޒުގަދަ އަދި ޒިންމާދާރު އެއް މަގާމާ ހަވާލުވެވަޑައިގަތް މަމްދާނީ ވަނީ ގިނަ ހުރަސްތަކެއް ގިރާކުރައްވައި އާ ތާރީޚެއް ލިޔުއްވާފައެވެ. އުމުރުފުޅުން އެންމެ 34 އަހަރުގައި އޭނާ ވެވަޑައިގެންފައިވަނީ ފަހުގެ ތާރީޚެއްގައި އެ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުވި އެންމެ ޒުވާން ބޭފުޅާއަށެވެ. އަދި އޭނާއަކީ އެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ މުސްލިމް، ދެކުނު އޭޝިއާ ދަރިކޮޅުގެ، އަދި އެފްރިކާއަށް އުފަން ބޭފުޅާވެސް މެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

