ޗެލްސީގެ އެތެރޭގައި އުފެދުނު ބޮޑެތި ނުތަނަވަސްކަންތައްތަކަކަށްފަހު، އިޓަލީގެ ކޯޗު އެންޒޯ މަރެސްކާ ޗެލްސީގެ ކޯޗުކަމުން ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރަން ޖެހުނީ ކްލަބުގެ އިސްވެރިންނާ އޮތް ގުޅުން މުޅިން ހީނަރުވެ، އޭނާގެ އަމަލުތައް ހުރި ގޮތުން މަގާމުގައި ދެމިހުރުމުގެ ފުރުސަތު އަމިއްލައަށް ގެއްލުވައިލުމާ ގުޅިގެންނެވެ.
ސަތާރަ ދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި، އެންޒޯ މަރެސްކާ އާއި ޗެލްސީގެ މެނޭޖްމަންޓާ ދެމެދު އޮތް ގުޅުން މުޅިން ވަނީ ހީނަރުވެފައެވެ.
އާންމުކޮށް ޕްރިމިއާ ލީގުގެ ކޯޗުން ވަކިކުރުމަށް އެންމެ މައްސަލައެއް ފުދުނު ކަމުގައި ވިޔަސް، މަރެސްކާގެ މަގާމު ގެއްލިގެން ދިޔައީ ފުލުފުލުން ކުރިމަތިވި ގިނަ މައްސަލަތަކަކަށް ފަހުގައެވެ.
މަރެސްކާ ޗެލްސީގައި ހޭދަކުރި 18 މަސްދުވަހުގެ ތެރޭގައި އެ ކްލަބަށް ކްލަބް ވޯލްޑް ކަޕާއި ކޮންފަރެންސް ލީގު ކާމިޔާބުކޮށްދިނެވެ. މީގެ އިތުރުން، އުމުރުން 45 އަހަރުގެ މި ކޯޗު ވަނީ އޭނާގެ ފުރަތަމަ ސީޒަނުގައި ޗެލްސީ ލީގުގެ ހަތަރުވަނައަށް ގެންގޮސްދީ، އަލުން ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދައިދީފައެވެ.
ނަމަވެސް، ޗެލްސީގެ ބޯޑާ ދެކޮޅަށް އޭނާ ސީދާ ކުރިމަތިލުމަކަށް ދިއުމާ ގުޅިގެން، މަގާމުގައި ދެމިހުރުމަށް އޮތް ފުރުސަތު މުޅިން ބަންދުވިއެވެ. އެހެންކަމުން އިޓަލީގެ މި ކޯޗާއި ޗެލްސީގެ ބޯޑާއި އޮތް ގުޅުން މުޅިން ހީނަރުވެފައިވުމުން، އޭނާ މަގާމުން ވަކިކުރުން ނޫން އިތުރު ގޮތެއް ކްލަބުގެ ބޯޑަށްނެތުމުން އޭނާ މަގާމުން ވަކިކުރީއެވެ.
'މިރަރ ފުޓްބޯލް' ގައި ބުނެފައިވާގޮތުން މަރެސްކާއާއި ޗެލްސީއާ ދެމެދު މައްސަލަ ގޯސްވާން މެދުވެރިވި މައިގަނޑު ސަބަބުތަކަކީ:
# އެވަޓަން އަތުން 2-0 އިން ޗެލްސީ މޮޅުވި މެޗުގެ ކުރިން ހޭދަވި 48 ގަޑިއިރަކީ، އެ ކުލަބުގައި އޭނާ ހޭދަކުރި އެންމެ ދަތި އުނދަގޫ ވަގުތުކޮޅު ކަމަށް ޑިސެމްބަރު 13 ގައި މަރެސްކާ ބުނެފައިވުން.
# ކަންކަމުގައި އެންމެ ފަހުގެ ނިންމުން ނިންމުމުގެ ބާރު އޭނާގެ އަތުގައި އޮންނަންވާނެ ކަމަށް ބުނެ ގޮތްދޫނުކުރުމާއި، އަނިޔާގެ ނުރައްކާ އޮތް ކުޅުންތެރިންނަށް އަރާމުދިނުމަށް ކުލަބުގެ މެޑިކަލް ޓީމުން ދިން އިރުޝާދުތަކަށް އޭނާ އިހުމާލުވުން.
# ޑިސެމްބަރު މަހު ޗެލްސީގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށަށް ދިއުން. އެގޮތުން ޕްރިމިއާ ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުން ކަމަށްވާއިރު، މެޗުގެ ކުރީކޮޅު ކުރި ހޯދާފައިވަނިކޮށް ޖުމްލަ 15 ޕޮއިންޓް ވަނީ ގެއްލިފައެވެ. މީގެ ސަބަބުން ތާވަލުގެ ފަސްވަނައަށް އެ ޓީމު ވަނީ ވެއްޓިފައެވެ.
# ދުނިޔޭގެ އެންމެ މޮޅު ކޯޗަކީ މަރެސްކާ ކަމަށް ޕެޕް ގާޑިއޯލާ ބުނިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، މެންޗެސްޓާ ސިޓީގެ ކޯޗުކަމާ އޭނާ ހަވާލުވާން އުޅޭ ކަމުގެ ޚަބަރުތައް ފެންމަތިވުން.
# މީޑިއާއާ އޮންނަ ގުޅުން ހީނަރުވުމާއި، ޗެލްސީ ފަދަ ބޮޑު ކުލަބަކަށް މުހިންމުވާ މިންވަރަށް އޭނާގެ މަގުބޫލުކަން ނެތުން. އަދި ޑިސެމްބަރު 30 ގައި ބޯންމަތްއާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް އޭނާ ހާޒިރުނުވީ ބަލިވެގެން ކަމަށް ބުނި ނަމަވެސް، އެއީ ހަގީގަތެއް ނޫންކަން މިހާރު ވަނީ ހާމަވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

