19 އަހަރުން ދަށުގެ އޭޝިޔާކަޕް ކްރިކެޓް މުބާރާތުގެ ޗެމްޕިއަން ޕާކިސްތާން ހޯދައިފިއެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާން ހޯދީ ދުބާއީގައި ކުޅެވުނު މިމުބާރާތުގެ ފައިނަލްގައި ވާދަވެރި އިންޑިޔާ ބަލިކުރުމަށްފަހުގައެވެ
ފައިނަލުގައި ޕާކިސްތާން ޓީމުން ވަނީ އިންޑިއާ ޓީމު އެންމެ 156 ލަނޑަށް އައުޓްކޮށް، 191 ލަނޑުގެ ބޮޑު ތަފާތަކުން މޮޅުވެފައެވެ. މިއީ ޕާކިސްތާނަށް މި މުބާރާތުގެ ޗެމްޕިއަންކަން ލިބުނު ދެވަނަ ފަހަރެވެ. އަދި މިއީ 2012 ވަނަ އަހަރަށްފަހު ކްރިކެޓްގައި ޕާކިސްތާނަށް ލިބުނު ފުރަތަމަ ތައްޓެވެ.

ފައިނަލް މެޗުގައި ޕާކިސްތާން ޓީމުން 50 އޯވަރުގެ ތެރޭގައި 8 ވިކެޓަށް 347 ލަނޑު ވަނީ ހަދާފައެވެ. އެ ޓީމުގެ އޯޕަން ބެޓްމަން ސަމީރު މިންހާސް 113 ބޯޅައިން 172 ލަނޑު ހަދާފައިވެއެވެ. މިންހާސް ވަނީ އެންމެ 71 ބޯޅައިން ސެންޗރީ ހަދައި، އަންޑަރ ނައިންޓީން އޭޝިއާ ކަޕް ފައިނަލެއްގައި އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔާގެ ރެކޯޑުވެސް ހަދާފައެވެ.
ޖަވާބުގައި ކުޅެން ނިކުތް އިންޑިއާ ޓީމުގެ ފުރަތަމަ 5 ވިކެޓް ގެއްލިފައިވަނީ ފުރަތަމަ 10 އޯވަރުގެ ތެރޭގައެވެ. އަދި އެންމެ ފަހުން މުޅި ޓީމު 156 ލަނޑަށް އައުޓްވިއެވެ.
އާޔުޝް މަހާތުރޭ ކެޕްޓަންކަން ކުރި އިންޑިއާ ޓީމުން ފައިނަލާ ހަމައަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވީނަމަވެސް، މިމުބާރާތުގެ ޗެމްޕިއަންކަން 9 ވަނަ ފަހަރަށް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވިއެވެ.
މިއީ އޭޝިޔާކަޕް 19 އަހަރުން ދަށުގެ ފައިނަލެއްގައި ލަނޑުގެ ތަފާތުން ޓީމެއް ދެވަނައަށް އެންމެ ބޮޑު ބައްޔެއްވި ފައިނަލްމެޗެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

