އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑްއާއި އެސްޓަން ވިލާ ބައްދަލުކުރިމެޗް 2-1 ގެ ނަތީޖާއަކުން އެސްޓަންވިލާ ކާމިޔާބުކޮށްފިއެވެ.
ވިލާގެ އަމިއްލަ ދަނޑު، ވިލާ ޕާކްގައި، 43,000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި، މެންޗެސްޓަރ ޔުނައިޓެޑުން ބޯޅަ ގިނައިރު ކޮންޓްރޯލްކޮށް، އެސްޓަން ވިލާގެ ގޯލަށް ގިނަ ހަމަލާތައް ފޮނުވާފައިވެއެވެ.
އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި މޯގަން ރޮޖާރސް ލަނޑު ޖަހައި، އެސްޓަން ވިލާއިން ވަނީ ކުރި ހޯދާދީފައެވެ.
ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވިލާގެ ޑިފެންޑަރު މެޓީ ކޭޝް އަށް ހެދުނު ގޯހެއްގެ ސަބަބުން ލިބުނު ފުރުސަތުގެ ބޭނުންކޮށް، ޔުނައިޓެޑްގެ މެތިއުސް ކޫނިޔާ ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ދެވަނަ ހާފަށް ކުޅުން ފެށިއިރު، ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އަށް އަނިޔާއެއްވުމުގެ ސަބަބުން އޭނާގެ ބަދަލުގައި ލިސަންދްރޯ މާޓިނޭޒް ވަނީ ކުޅެން އަރުވާފައެވެ.
އެސްޓަން ވިލާ މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްފައިވަނީ، ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި މޯގަން ރޮޖާރސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި ހަތްވަނަ ލަނޑެވެ.
މި މޮޅާއެކު އެސްޓަން ވިލާ ވަނީ 17 މެޗުން 36 ޕޮއިންޓް ހޯދައި، ތާވަލުގެ ތިންވަނަ މަގާމަށް އަރާފައެވެ. އެސްޓަންވިލާއާއި އެއްވަނައިގައި އޮތް އާސެނަލް އާއި ދެމެދުވާ ފަރަގު ވަނީ 3 ޕޮއިންޓަށް ކުޑަވެފައެވެ. މެންޗެސްޓަރ ޔުނައިޓެޑް އޮތީ 17 މެޗުން ލިބިފައިވާ 26 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

