-
މިކޮންފަރެންސް އޮންނާނީ މިމަހުގެ 22 އަދި 23ގައި މާލޭ ޔޫތު ހަބްގައި
-
މިކޮންފަރެންސްގައި 6 މަޢުޟޫއަކަށް ބަހާލައިގެން ވޯކްޝޮޕްތައް ކުރިއަށް ގެންދާނެ
ހުރިހާ ދާއިރާތަކުގެ ޒުވާނުންގެ ބައިވެރިވުމާއިއެކު ޤައުމީ ޒުވާނުންގެ ކޮންފަރެންސް އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ޒުވާނުން ބާރުވެރި ކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
“ނޭޝަނަލް ޔޫތު ކޮންފެރެންސް”އަކީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި، ޒުވާނުން ބާރުވެރި ކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވުޒާރާ ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކޮންފަރެންސެކެވެ.
މިމަހުގެ 22 އަދި 23 ވަނަ ދުވަހު މާލޭގައި ހުންނަ ޔޫތު ހަބްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޮންފަރެންސްގައި އެކި ދާއިރާތަކުން 93 ޒުވާނުން ބައިވެރިވާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި މިއަހަރުގެ ޔޫތު ކޮންފަރެންސްގެ އަމާޒަކީ، ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލާ، އެކަންބޮޑުވުންތަކަށް ވަށާޖެހޭ ޙައްލެއް ހޯދުމާއި، ޒުވާނުންގެ ޤައުމީ ސިޔާސަތެއް އުކުލަވާލުން ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން ޒުވާނުންގެ ޚިޔާލާއި، މަޝްވަރާ ހޯދުމުގެ އިތުރުން ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށްދިނުމަކީވެސް މިކޮންފަރެންސްގެ ބޭނުމެއް ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. މިގޮތުން މިކޮންފަރެންސްގައި ޖުމްލަ 6 މަޢުޟޫއަކަށް ބަހާލައިގެން މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ, ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މިސަރުކާރުން ދަނީ، ޒުވާނުން ބާރުވެރިކޮށް، ކުރިއެރުވުމަށް ތަފާތު މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން ޒުވާނުންނާއި ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތަށް ހިންގުމަށާއި، ޒުވާނުންނަށް ޚާއްސަ ކޮށްގެން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމު ކުރުމަށާއި، ދުޅަހެޔޮ ހަށިހެޔޮ އަދި ނަފްސާނީ ގޮތުން ހިތްހަމަޖެހޭ ފަދަ މާޙައުލެއް ޤާއިމުކުރުމުގެ އިތުރުން ދިމާވާ ތަފާތު މައްސަލަތަކުގައި ޔޫތު ކައުންސެލިންގ އަދި ޔޫތު ވެލްބީންގ ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ދިނުމަށް "ޒުވާނުންގެ ވެހި" ވަނީ ހުޅުވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

