އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2025 ގައި މިދިޔަ ހޯމަ ދުވަހު ކުޅެވުނު މެޗުގައި، މަރަދޫ އެފްސީން ފޭދޫގެ ޒުވާން ކުޅުންތެރީން ހިމެނޭ ފާހި ޓީމާ ބައްދަލުކޮށް 8-0 ގެ ބޮޑު ތަފާތަކުން މޮޅުވެއްޖެވެ.
މި މެޗުގައި މަރަދޫ އެފްސީގެ ޒުވާން ކުޅުންތެރިޔާ ޒާކީ މުޖުތަބާ ވަނީ 3 ލަނޑު ޖަހައިގެން ހެޓްރިކް ހަދައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. ޒާކީގެ މޮޅު ކުޅުމާއެކު، މަރަދޫ އެފްސީގެ ހަމަލާތައް ފާހި ޓީމަށް ހުއްޓުވަން އުދަގޫވެގެން ދިޔަތަން ފެނިގެންގޮސްފައިވެއެވެ.

މި މެޗުގައި މަރަދޫ އެފްސީން ކާމިޔާބުކުރި އެހެން ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު މާހިލް، އަބްދުﷲ އިލްފާފު، އަހުމަދު ޝަމާލު، މުހައްމަދު ޝާހު އަދި ހަސަން އާނިޝްއެވެ. މިކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ހުނަރުވެރި ކުޅުމާއެކު، މަރަދޫ އެފްސީވަނީ ސެމީފަނަލަށް ހޮވިފައެވެ.

މެޗަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން މިމެޗްގެ މޮޅު ކުޅުންތެރިޔާ ޒާކީ މުޖުތަބާ ބުނީ، މެޗުގެ ފުރަތަމަ ހާފް ތަންކޮޅެއް ދަށްކޮށް ދިޔަނަމަވެސް، ދެވަނަ ހާފްގައި ކޯޗް ދެއްވި އިރުޝާދުގެ ދަށުން ވަރަށް ރަނގަޅަށް ކުޅެވުނު ކަމަށެވެ. އަދި މި ނަތީޖާއަކީ ފުދޭވަރެއްގެ ރަނގަޅު ނަތީޖާއެއް ކަމަށް އޭނާ ފާހަގަކުރިއެވެ. ސެމީފައިނަލް މެޗުންވެސް އިންޝާﷲ މޮޅުވެ، ޓީމުގެ ކުޅުން އިތުރަށް ރަނގަޅުވާނެ ކަމަށް ޒާކީ ވަނީ އުންމީދުފާޅުކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

