އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2025 ގައި މިދިޔަ އާދީއްތަދުވަހު ކުޅުނު ފޯރިގަދަ މެޗު، ފޭދޫ ފްރެންޑްސް ކްލަބް ކާމިޔާބުކޮށްފިއެވެ.

ފްރެންޑްސް މިމެޗް ކާމިޔާބުކުރީ މީދޫ ކްލަބް ލޮތާރިއާ ބައްދަލުކޮށް 3-1 ގެ ނަތީޖާއަކުން މޮޅުވެއްޖެއެވެ.
ވާދަވެރިކުޅުމެއް ފެނިގެން ދިޔަ މިމެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ފްރެންޑްސް އިންނެވެ. މިލަނޑު 30 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އުސްމާނެވެ. އުސްމާނު ވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައިވެސް އެޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދީފައެވެ.
މިގޮތުން ފުރަތަމަ ހާފް ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ފްރެންޑްސް ކުރިހޯދައިގެންނެވެ.
ދެވަނަ ހާފްގައިވެސް ދެޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލޮތާރި ޓީމުގެ ކުޅުންތެރިންނަށް ލަނޑު ޖަހަން ލިބުނު އެތައް ފުރުސަތެއް ބޭނުން ނުކުރެވިގޮސް މެޗުގެ 80 ވަނަ މިނިޓުގައި ލިބުނު ފުރުސަތެއްގައި އެޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ޝިނާޒެވެ.
މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ލޮތާރި ކުޅުންތެރިން މަސައްކަތް ކުރަމުން ދަނިކޮށް، ފަހުހާފްގެ އިތުރު ވަގުތުގައި ފްރެންޑްސް ކްލަބުން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔޫސުފެވެ. މިލަނޑަށްފަހު މެޗު ނިމިގެންދިޔައީ 3 ލަނޑު 1 ލަނޑުން ފްރެންޑްސް މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފްރެންޑްސް ކްލަބްގެ ޔޫސުފެވެ.

މެޗަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ލޮތާރި ޓީމުގެ ކެޕްޓަން ސަހާފް ބުނީ، މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ރަނގަޅުކަމަށާއި އަދި ދެވަނަ ހާފް އެއަށްވުރެ ރަނގަޅުކޮށްގެން މަސައްކަތް ކުރެވުނުކަމަށެވެ. ނަމަވެސް މެދުތެރެ ކޮންމެވެސް ވަރަކަށް ދަށްކަން ފާހަގަކުރެވުނު ކަމަށް ސަހާފް ބުންޏެވެ.

ފްރެންޑްސް ކްލަބްގެ އައްމަޓީ މެޗަށްފަހު ވާހަކަ ދައްކަމުން ބުނީ، ފުރަތަމަ ހާފްގައި ވަރަށް ރަނގަޅަށް ކުޅެވުނުކަމަށެވެ. އެހެންނަމަވެސް، ޗޭންޖްތައް ގެނައުމުން ޓީމު "ހާލިބާލި" ވާކަމަށް އޭނާ ފާހަގަކުރިއެވެ. އެހެންކަމުން ފަހުހާފް ވަރަށް އުނދަގޫވި ކަމަށާއި، ޓީމުން ރަނގަޅުކޮށްލަން ޖެހެނީ މެދުތެރެއާއި ފޯވާޑް ލައިންކަމަށް އައްމަޓީ އިތުރަށް ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

