އިސްލާމީ އަޚްލާޤާއި ދިވެހި މުޖުތަމަޢުގެ ހަމަތަކާ ޚިލާފު ނޭދެވޭ ޢަމަލުތަކާއި އަޚްލާޤީ ސިފަތައް ގެންގުޅޭ ފަރާތްތަކުން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން ހީވެސް ނުކުރާފަދަ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ. މީގެ ތެރެއިން ޚާއްޞަކޮށް، ފިތުނަފަސާދަ އުފައްދައި، އަމާނާތްތެރިކަމެއް ނެތް ފަރާތްތަކާ ގުޅިގެން ކުރެވޭ މަސައްކަތްތަައް ފާހަގަކުރެވެއެވެ.
ނަފުރަތު އުފައްދައި، ދޭތެރެ ޖެއްސުމާއި ފިތުނަ ފަސާދަ ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކަކީ އެތަނެއްގެ އެއްބައިވަންތަކަން ނައްތާލައި، އިޖުތިމާޢީ ގުޅުންތައް ގޯސްކުރާ ބައެކެވެ. މަކަރުވެރިކަމާއި ހީލަތްތެރިކަންފަދަ ނުރަނގަޅު ސިފަތައް ގެންގުޅޭ މިފަދަ ފަރާތްތަކުން އިންތިޒާމްކޮށްގެން ބާއްވާ ކަންކަމުގައި ބައިވެރިވުމަކީ އެއްގޮތަކަށްވެސް ބުއްދިވެރިކަމެއް ނޫނެވެ. އެމީހުން އިންތިޒާމް ކޮށްގެން ބާއްވާ އެފަދަ ކަންކަމުގައި ބައިވެރިވުމަކީ އެމީހުންނަށް ހިތްވަރުދީ އެފަދަ ކަންކަން އިތުރަށް ހިންގުމަށް އެމީހުންނަށް ދެވޭ ފުރުޞަތެކެވެ. އެހެންކަމުން، މިފަދަ ފަރާތްތަކުން ހިންގާ ޙަރަކާތެއްގައި ބައިވެރިވުމުން މުޅި މުޖުތަމަޢަށް އޭގެ ނޭދެވޭ އަސަރުތަކެއް ކުރާނެކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ.
ފެންނަ ނުފެންނަ ތަންތަނުގައި އެކި ގޮތްގޮތަށް ވާހަކަ ދައްކައި، ބަދުނާމުކޮށް، މީސްމީހުންގެ އަގުވައްޓާލުމަށް މަސައްކަތްކުރާ ފަރާތްތަކަކީ ވަރަށް ބޮޑެތި އަޚްލާޤީ މައްސަލަތައް ހުންނަ ބައެކެވެ. މިފަދަ މީހުންގެ ޢަމަލުތަކަކީ މުޖުތަމަޢުގެ އިތުބާރު ގެއްލުވާލައި، މީސްމީހުންގެ މެދުގައި ޝައްކުތައް އުފައްދާ ކަންކަމެވެ. އެފަދަ ކަންކަމުގައި ބައިވެރިވުމަކީ އެއްގޮތަކަށްވެސް ބުއްދިވެރިކަމެއްކަމުގައި ނުފެނެއެވެ. ސަބަބަކީ، މިފަދަ ޢަމަލުތަކުގެ ސަބަބުން އިޖުތިމާޢީ ގުޅުންތައް ބަލިކަށިވެ، މުޖުތަމަޢުގައި އަމާނާތްތެރިކަން ކުޑަވެގެންދާތީއެވެ. ވީމާ، މިފަދަ އަމަލުތަކާއި ސިފަތައް ގެންގުޅޭ ފަރާތްތަކުން ބާއްވާ ކަންކަމުން ދުރުހެލިވުމަކީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މުހިންމު ކަމެކެވެ.
މިލިއުމުގައި ފާހަގަކުރެވުނު ނުކުތާތަކުން އެނގިގެންދަނީ، ނަފުރަތު އުފައްދައި، ފިތުނަ ފަސާދަ ފެތުރި، އަދި ދެފުށުއެޅޭ ޢަމަލުތައް ގެންގުޅޭ ފަރާތްތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމަކީ އިސްލާމީ ރިވެތި އަޚްލާޤާއި ދިވެހި މުޖުތަމަޢުގެ ހަމަތަކާ ޚިލާފު ކަމެއްކަމެވެ.
މިފަދަ ކަންކަމުން ދުރުހެލިވެ، މުޖުތަމަޢުގެ އަމާނާތްތެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

