އައްޑޫސިޓީގެ މަގުތައް ސާފުކުރުމަށްޓަކައި ސިޓީ ކައުންސިލުން ގެނެސްފައިވާ ސްވިޕަރުތަކުގެ ތެރެއިން ހުޅުދޫ-މީދޫއަށް ފޮނުވުމަށް ނިންމާފައިވާ ސްވިޕަރާ ގުޅޭގޮތުން ސިޓީ ކައުންސިލްގެ ތެރޭގައި ޚިލާފު ތަފާތުވުން އުފެދި އެ ސްވިޕަރު ހުޅުދޫ، މީދޫއަށް ނުފޮނުވުމަށް ނިންމާފައިވާކަމަށް މައުލޫމާތު ލިބިއްޖެވެ.
އައްޑޫސިޓީގެ މޭޔަރު ޢަލީ ނިޒާރު ވަނީ، ހުޅުދޫ-މީދޫއަށް ފޮނުވުމަށް ނިންމާފައިވާ މަގު ސާފުކުރާ ސްވިޕަރު މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ހުޅުދޫ-މީދޫއަށް ފޮނުވައިދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. މިއީ ހުޅުދޫ-މީދޫގެ ރައްޔިތުންނަށް މޭޔަރު ވެވަޑައިގެންފައިވާ ވަޢުދެއްކަން ފާހަގަކުރެވެއެވެ. އަދި ހުޅުދޫ، މީދޫއަށް ޚާއްސަކޮށްގެން ގެނެސްފައިވާ ސްވިޕަރުގެ ރަޖިސްޓްރީގެ ކަންތައްވެސް ނިމިފައިވާކަމަށް ގައުމީދުވަހު މީދޫ ރަށްޔިތުންނާއި މުޚާޠަބްކޮށް ވާހަކަފުޅުދައްކަވަމުން މޭޔަރު އަލީ ނިޒާރުވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް، ހުޅުދޫ-މީދޫގައި ވަކި ކައުންސިލެއް އުފެއްދުމާ ގުޅޭގޮތުން ނެގުނު ފެންނަ-ނުފެންނަ ވޯޓުގައި، ހުޅުދޫ-މީދޫގެ ރައްޔިތުން ވަކި ކައުންސިލެއް އުފެއްދުމަށް ތާއީދުކުރުމާއެކު، މި މައްސަލައިގެ ސިފަ ބަދަލުވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ. މި ވޯޓުގެ ނަތީޖާއާ ގުޅިގެން، ގުޅިފައިވާ ރަށްތަކުގެ ކައުންސިލަރުން ހުޅުދޫ-މީދޫއަށް ސްވިޕަރު ފޮނުވުމާމެދު ދެކޮޅުހަދަން ފަށާފައިވާކަމަށް ލިބޭ މަޢުލޫމާތުން އެގިފައިވެއެވެ.
ލިބިފައިވާ މަޢުލޫމާތުން އެގިފައިވާގޮތުގައި ހުޅުދޫ ، މީދޫއަށް ސްވިޕަރު ފޮނުވުމާއިމެދު އެންމެ ބޮޑަށް ދެކޮޅުހަދަނީ ޑެޕިއުޓީ މޭޔަރު ޝުއާއާއި ހިތަދޫ ކައުންސިލް މެންބަރު ޝިނާޒެވެ. މިދެބޭފުޅުން ބައެއް ބައްދަލުވުންތަކުގައި ސްވިޕަރު ހުޅުދޫ-މީދޫއަށް ފޮނުވާނަމަ، ހިތަދޫ ރައްޔިތުންނަށް އެކަން އަންގައި، އެކަމާ ދެކޮޅަށް ރައްޔިތުން ނެރޭނެކަމަށް ވިދާޅުވެފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ނަން ހާމަކުރަން ނޭދޭ ކައުންސިލް މެންބަރެއްގެ ބަހުން ދޭހަވާ ގޮތުގައި، އައްޑޫސިޓީ ކައުންސިލަށް ގެނެސްފައިވާ ސްވިޕަރުތަކުގެ ތެރެއިން އެއް ސްވިޕަރު ގެނެސްފައިވަނީ ޚާއްޞަކޮށް ހުޅުދޫ-މީދޫއަށް ފޮނުވުމަށެވެ. އަދި މިހާރުވެސް ހުޅުދޫ-މީދޫއަކީ އައްޑޫސިޓީ ކައުންސިލްގެ ދެ އަވަށްކަމަށްވާތީ، އެ ސްވިޕަރު ހުޅުދޫ-މީދޫއަށް ލިބެންޖެހޭނެކަމަށާއި ފޮނުވަންޖެހޭނެކަމަށް އެ މެންބަރު ވިދާޅުވިއެވެ.
މި މައްސަލައިން ހާމަވާ އެއް ޙަޤީޤަތަކީ، އައްޑޫސިޓީ ކައުންސިލްގެ ތެރޭގައި މިފަދަ ކަންތައްތައް ދިމާވަމުން ގޮސްފައިވާ މިންވަރެވެ. ކައުންސިލްގެ އެ މެންބަރުގެ ބަހުން ދޭހަވާގޮތުގައި، މިފަދަ ކަންތައްތައް ކައުންސިލްގެ ތެރޭގައި ދިމާވަމުން ގޮސްފައިވާތީ، ހުޅުދޫ-މީދޫގެ ރައްޔިތުން ވަކި ކައުންސިލެއް އުފައްދަން ބޭނުންވެފައިވަނީ މި ސަބަބާ ހުރެއެވެ.
ކައުންސިލްގެ ތެރޭގައި ދެކެވިފައިވާ ވާހަކަތަކާ ގުޅޭގޮތުން މައުލޫމާތު ލިބިފައިވާގޮތުގައި ހުޅުދޫ-މީދޫއަކީ އައްޑޫސިޓީގެ ބައެއް ކަމުގައިވީނަމަވެސް، ވަކި ކައުންސިލެއް އުފެއްދުމަށް ރައްޔިތުން ވޯޓު ދިނުމާއެކު، އެ ދެ ރަށަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާމެދު ކައުންސިލްތެރޭގައި ވަނީ ވިސްނުން ތަފާތުވެފައެވެ.
ކައުންސިލް މެންބަރުންގެ މެދުގައި އުފެދިފައިވާ ޚިލާފުތައް ޙައްލުކޮށް، ސިޓީގެ ހުރިހާ އަވަށްތަކަށް ހަމަހަމަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ހުޅުދޫ-މީދޫގެ ރައްޔިތުން ވަކި ކައުންސިލެއް އުފެއްދުމަށް ނިންމާފައިވީނަމަވެސް، އެ ދެ ރަށަކީ އަދިވެސް އައްޑޫސިޓީގެ ބައެއްކަން ހަނދާންކުރުން މުހިންމެވެ.
ސިޓީ ކައުންސިލްގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން މި މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރުމާއެކު، ސިޓީގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ކައުންސިލް މެންބަރުން މަސައްކަތްކުރުން މުހިންމެވެ. އަދި ހުޅުދޫ-މީދޫގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަކީވެސް ކައުންސިލް މެންބަރުން ޒިންމާއެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


1 ކޮމެންޓު
އަދިވެސް، ހުޅުދޫ، މީދޫއަކީ، އައްޑޫ ސިޓީގެ ރަށްތަކެއް. ގެނައީވެސް، އެރަށުގައި ބޭނުންކުރުމަށް، ކަޑަ ކައުންސިލަރުން ތިބެންޏާ މިކަހަލަ ފީކަޅާ ޒުވާބު ދޭނެ. އެ ދެރަށް ވަކި ވިއަސް އަދިވެސް ވީހާ ބޮޑަކަށް ގުޅިގެން ކަންތައް ކުރަން އުޅެގެން މެނުވީ، މުޅި އައްޑުއަށް މޮޅު ގޮތް ނުހޯދޭނެ.
ރަގަޅު ކައުންސިލަރުން ހޮވަން ،ވަކި ރަށް ރަށާއި، ސިޓީ އިންވެސް އިތުރަށް ވިސްނަން ސަމާލު ވުމަށް ދަންނަވަން.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް