އައްޑޫ ސިޓީ މީދޫގައި ގްރޭޑް 1 އިން 4 އާ ދެމެދުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކޭމްބްރިޖް އިނގިރޭސި ޔަންގް ލާނާސް (ވައި.އެލް.އީ) އިމްތިޙާނުތަކާއި ކޯސްތަކާ ބެހޭ މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ލެންގުއޭޖް ލާނިންގ ސެންޓަރ (އެލް.އެލް.ސީ) މޯލްޑިވްސް އާއި ކޭމްބްރިޖް އެސެސްމެންޓް އިންޓަރނޭޝަނަލް އެޑިއުކޭޝަން ގުޅިގެން މީދޫގައި ހުންނަ ޝަމްސުއްދީން ސްކޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސެޝަންގެ މައިގަނޑު ބޭނުމަކީ، މި އުމުރުފުރައިގެ ދަރިވަރުންނަށް މި ކޯސްތަކާއި އިމްތިޙާނުތަކުން ލިބިގެންދާނެ ފައިދާތަކާއި، ބައިނަލްއަޤްވާމީ ފެންވަރުގެ ސަނަދުތައް ހޯދުމުގެ ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމެވެ.

މި މަޢުލޫމާތު ސެޝަންގައި ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވާނީ އެލް.އެލް.ސީ މޯލްޑިވްސްގެ ކޭމްބްރިޖް ވައި.އެލް.އީގެ ޚާއްޞަ މާހިރު، އާމިނަތު ޝިޔާނާއެވެ. އޭނާގެ ޕްރެޒެންޓޭޝަނުގައި، އައްޑޫގައި ހިންގުމަށް ހަމަޖެހިފައިވާ ލެވެލްތަކާއި، މި އިމްތިޙާނުތަކުގެ ސަބަބުން ދަރިވަރުންނަށް ލިބިގެންދާނެ އަވަސް ކުރިއެރުންތަކާއި ދިގުމުއްދަތުގެ ފައިދާތައް އޮޅުންފިލުވައިދެއްވާނެއެވެ.
ޚާއްޞަ ގޮތެއްގައި ގްރޭޑް 1 އިން 4 އާ ދެމެދުގެ ދަރިވަރުންގެ މައިންބަފައިންނާއި، މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޝަމްސުއްދީން ސްކޫލްގައި، މިމަހުގެ 25 ވަނަ ދުވަހު ހަވީރު 16:30 ގައެވެ.
މި ސެޝަންގެ ބައިވެރިންނަށް ކޭމްބްރިޖް އިމްތިޙާނުތަކުގެ ބައިނަލްއަޤްވާމީ ގަބޫލުކުރެވޭ ސަނަދުތަކާއި، މިފަދަ ކޯސްތައް ކުޑަ އުމުރުން ފެށިގެން ކުރިއަށް ގެންދިއުމުގެ މުހިއްމުކަމާ ބެހޭގޮތުން ފުރިހަމަ މަޢުލޫމާތު ލިބިގެންދާނެއެވެ.
މި މަޢުލޫމާތު ސެޝަންގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 9768318 އަށް ގުޅުއްވައި ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އިންތިޒާމުކުރާ ފަރާތުން ހާމަކުރެއެވެ. މި ސެޝަނަކީ ދަރިވަރުންގެ ތަޢުލީމީ ކުރިމަގު ބައްޓަންކުރުމަށް ވަރަށް މުހިއްމު ފުރުސަތެއްކަމަށް ބެލެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

