އުރަމަތީ ކެންސަރަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ބާއްވާ "ޕިންކް ރިބަން ރަން ވޯކް 2025" އިއްޔެ ހަވީރު ހުޅުމީދޫގައި ބާއްވައިފިއެވެ.
ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން އިންތިޒާމް ކޮށްގެން ބޭއްވި މިހިގާލުމަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ހަރަކާތެކެވެ
ޕިންކް ރިބަން ރަން-ވޯކްގެ މައިގަނޑު މަޤްޞަދަކީ އުރަމަތީގެ ކެންސަރާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމެވެ. މިގޮތުން އިއްޔެ ހުޅުމީދޫގައި ބޭއްވި ހަރަކާތުގެ ތެރެއިން އުރަމަތީގެ ކެންސަރު ދެނެގަތުމާއި، ސްކްރީނިންގ އަދި ފަރުވާގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވުނެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ސައިކޯސޯޝަލް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ކެންސަރާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން އެކި ހަރަކާތްތައް ހިންގަމުން ގެންދެއެވެ.

މި ފަދަ ހަރަކާތްތަކުގެ ސަބަބުން އުރަމަތީގެ ކެންސަރާ ގުޅޭ ހޭލުންތެރިކަން އިތުރުވެ، ކެންސަރު ބަލީގެ ސްކްރީނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ކުރިއަށް ގެންދާ މިހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ހަރަކާތުގައި ދުޅަހެޔޮ ސިއްޙަތެއްގެ މުހިންމުކަމާއި، ސިއްޙީ ގިނަ މަޢުލޫމާތުތަކެއް އާންމުންނާއި ވަނީ ހިއްސާކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

