އައްޑޫސިޓީގެ އެއް އަވަށް ކަމުގައިވާ މީދޫއަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި ތާރީޚެއް އޮތް ރަށެކެވެ. އައްޑޫސިޓީ ކައުންސިލް އުފެދުނު ފަހުން މީދޫ ވަނީ އިދާރީ ގޮތުން ތަފާތު މަރުޙަލާތަކެއް ކަޑައްތުކޮށްފައެވެ. ވޭތުވެދިޔަ އަހަރުތަކުގައި މީދޫގެ ރައްޔިތުން ކުރަމުންދާ ތަޖުރިބާއަށް ބަލާއިރު، މިއަދު އެ ރަށުގެ ގިނަ ރައްޔިތުން ބޭނުންވަނީ ރަށު ކައުންސިލެއްގެ ގޮތުގައި ބަދަލުވުމަށެވެ.
ސިޓީ ކައުންސިލްގެ ދަށަށް ބަދަލުވުމާއެކު، މީދޫއަށް އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. މީދޫގެ ރައްޔިތުން ދެކޭގޮތުގައި، އިދާރީ ބަދަލާއެކު ރަށުގެ ޚާއްޞަ ހައިސިއްޔަތު ގެއްލި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވެއެވެ.
މިހާރު މިމައްސަލައިގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ފަރާތްތަކުން މިކަން ސިޔާސީ މައްސަލައަކަށް ބަދަލުކޮށް ވާހަކަ ދައްކަމުން ދިއުމެވެ. ބައެއް ސިޔާސީ ފަރާތްތަކުން މި މައްސަލައިގެ ތެރެއަށް ވަދެ، މިއީ ރައީސް މުޢިއްޒު އައްޑޫސިޓީ ރޫޅާލުމަށް ކުރާ މަސައްކަތެއް ކަމަށް ދައްކަން މަސައްކަތްކުރަމުން ދެއެވެ.
މީދޫގެ ގިނަ ރައްޔިތުން ބޭނުންވަނީ މި މައްސަލައަކީ ސިޔާސީ ކަމަކަށް ނުހަދައި، ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ މަޞްލަޙަތަށް އިސްކަންދޭ ގޮތަށް ބެލުމަށެވެ. އެހެންކަމުން، ސިޔާސީ ފަރާތްތަކުން މި މައްސަލައިގެ ތެރެއަށް ވަދެ، އިތުރު ސިޔާސީ ބޭނުންތަކަށް މައްސަލަ ބޭނުންކޮށް، މީދޫގެ ރައްޔިތުން އޮޅުންބޮޅުން އަރުވައި، ތަފާތު ވިސްނުންތައް ވިސްނައިދިނުމަށް މަސައްކަތް ނުކުރުމަށް މީދޫގެ ގިނަ ރައްޔިތުން އެދެއެވެ.
މީދޫ ރަށު ކައުންސިލަކަށް ބަދަލުވުމުގެ މައްސަލައަކީ ރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ބޭނުންތަކަށް ބިނާކޮށް ނިންމަންޖެހޭ ކަމެކެވެ. ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދޭ އިދާރީ އޮނިގަނޑެއް ޤާއިމުކުރުމަށް މީދޫ ރަށްޔިތުން މިހާރުވަނީ ބޭނުންވެފައެވެ. މީދޫގެ ރައްޔިތުންގެ އެދުމަކީ ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް މަގުފަހިވާނެ ނިޒާމެއް ޤާއިމުކުރުމެވެ.
މި މައްސަލާގައި ސިޔާސީ ފަރާތްތަކުންވެސް ރައްޔިތުންގެ އަޑުއަހައި، އެ ފަރާތްތަކުގެ ބޭނުންތަކަށް އިޖާބަދިނުމަކީ ޑިމޮކްރަސީއެއްގައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން، މީދޫގެ ރައްޔިތުންގެ އެދުމަށް އިޙްތިރާމްކޮށް، މިކަން ސިޔާސީ ނުކުރުމަށް މީދޫ ރަށްޔިތުން ދަނީ އެދެމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

