ތާރީޚަކީ އަޅުގަނޑުމެންގެ މާޒީއާއި މުސްތަޤުބަލު ގުޅުވައިދޭ އެއްޗެކެވެ. ރަށެއްގެ ކުޅިވަރުގެ ތާރީޚަކީވެސް އެރަށެއްގެ އާންމު ތާރީޚުގެ މުހިންމު ބައެކެވެ. މީދޫގެ ކުޅިވަރުގެ ތާރީޚަށް ބަލާއިރު، އެތައް ބަޔަކު އެތައް ޒަމާނެއް ވަންދެން އެކިދުވަސްވަރު އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައިވެއެވެ. ނަމަވެސް، މިއަދު މީދޫގެ ކުޅިވަރު ދާއިރާގައި އިސްކޮށް ޙަރަކާތްތެރިވާ ބައެއް ފަރާތްތަކުން އިހުގެ މި ޚިދުމަތްތެރިންގެ ހަނދާން އައު ޖީލުތަކަށް ފޯރުކޮށްދިނުމުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާކަން ފާހަގަކުރެވެއެވެ.
މީދޫގެ ކުޅިވަރަށް މީގެ ކުރީން ތަފާތު ރޮނގުރޮނގުން ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކުގެ ހަނދާން މިހާރުގެ ޖީލުތަކުގެ މީހުންނަށް ނޭންގުމަށްޓަކައި މިހާރު މީދޫގައި ކުޅިވަރުގެ ކަންތައްތަކުގައި އިސްކޮށް ޙަރަކާތްތެރިވާ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާކަން ހިތާމައާއެކު ފާހަގަކުރަންޖެހެއެވެ. މިފަދަ ޢަމަލުތަކަކީ ރަށުގެ ތާރީޚަށާއި ކުޅިވަރުގެ ދާއިރާއަށް ލިބޭ ބޮޑު ގެއްލުމެކެވެ. ކުޅިވަރުގެ ދާއިރާއަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގު ވަޒަންކުރުމަކީ ހަމައެކަނި އެބޭފުޅުންނަށް ކުރެވޭ އިޙްތިރާމެއް ނޫނެވެ. އެއީ ރަށުގެ ތާރީޚު ދިރުވައި އައު ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިންމު ޒިންމާއެކެވެ.
މީދޫގެ ކުޅިވަރަށް ޚިދުމަތް ކުރެއްވި ގިނަ ބޭފުޅުން މަސައްކަތް ކުރެއްވީ ވަރަށް ވަސީލަތްތައް މަދު ދުވަސްވަރެއްގައެވެ. މިއަދު ލިބެން ހުރި ފަސޭހަތަކާއި ވަސީލަތްތައް އެދުވަސްވަރު ނެތެވެ. އެހެންނަމަވެސް، އެބޭފުޅުންގެ ހިތްވަރާއި ކެރުންތެރިކަމާއި ޤާބިލުކަމުގެ ސަބަބުން މީދޫގެ ކުޅިވަރު ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިދެއްވާފައިވެއެވެ. މިއަދު އަޅުގަނޑުމެންނަށް ލިބިފައިވާ ކުރިއެރުންތަކަކީ އެބޭފުޅުން އަޅުއްވާފައިވާ ބިންގަލުގެ މައްޗަށް ބިނާވެފައިވާ ކުރިއެރުންތަކެކެވެ.
ތާރީޚު ފޮރުވުމަކީ ތާރީޚު ފުހެލުމެއް ނޫނެވެ. ވަސީލަތްތައް މަދު ދުވަސްވަރެއްގައި މީދޫގެ ކުޅިވަރަށް އަގުނުކުރެވޭ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުންގެ މަސައްކަތްތަކަށް ފަސްއަޅައި ފޮރުވަން މަސައްކަތް ކުރިޔަސް، އެއީ ފޮރުވޭނެ ކަންތައްތަކެއް ނޫނެވެ. އެހެންކަމުން، ކުޅިވަރުގެ ދާއިރާގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކުން ކުރީގެ ޚިދުމަތްތެރިންގެ ހަނދާން އާކޮށް، އެބޭފުޅުންގެ ޚިދުމަތްތައް އައު ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަކީ އެފަރާތްތަކުގެ ޒިންމާއެކެވެ.
ތާރީޚު ދިރުވުމަކީ މާޒީއާއި މުސްތަޤުބަލު ގުޅުވައިދޭ ކަމެކެވެ. މީދޫގެ ކުޅިވަރުގެ ތާރީޚުގައި ހިމެނޭ ފޮރުވިފައިވާ ބަޠަލުންގެ ހަނދާންތައް ދިރުވައި، އެބޭފުޅުންގެ ޚިދުމަތްތަކަށް އަގުވަޒަންކޮށް، އައު ޖީލުތަކަށް އެ ތަރިކަ ފޯރުކޮށްދިނުމަށް އެންމެން މަސައްކަތްކުރަން ޖެހެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


1 ކޮމެންޓު
މީދޫ ތިބެނީ ވަރަށް ޒާތީ ވޭ މީހާ. ޖެލަސް ވޭ ނީ މާބޮޑުކޮށް
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް