ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ދަށުން ހުޅުމީދޫގައި ބުދަ ދުވަހު ކުރިއަށްގެންދިޔަ "އޮޕަރޭޝަން ހަމަ މަގު" ގެ ތެރެއިން 20 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގަމުންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި މޯލްޑިވްސް އިމިގްރޭޝަންގެ 25 އެއްހާ އޮފިސަރުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ 25 އެއްހާ އޮފިސަރުން ބައިވެރިވިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި އެ ސިޓީގެ ހުރިހާ އަވަށެއްވެސް ވަނީ ބަލާފައެވެ. މިގޮތުން މި އޮޕަރޭޝަންގައި ޖުމްލަ 678 ބިދޭސީންގެ ލިޔެކިޔުންތައް ބަލައި، އެ މީހުން ރާއްޖޭގައި އުޅެނީ ގަވާއިދާ އެއްގޮތަށްތޯ ވަނީ ބަލާފައެވެ.
"ހަމަ މަގު" އޮޕަރޭޝަންގެ ދަށުން ހުޅުމީދުން ހައްޔަރުކުރި 20 މީހުންނާއެކު އައްޑޫސިޓީން ޖުމްލަ 83 މީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ހުޅުމީދުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ 20 މީހުންގެ ތެރެއިން 19 މީހުން ހައްޔަރުކޮށްފައިވަނީ ހުޅުދޫ އިން ކަމަށްވާއިރު، މީދޫ އިން ހައްޔަރުކޮށްފައިވަނީ އެކަކު ކަމަށް މައުލޫމާތު ލިބެއެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން ހައްލުނުވެ ހުރި މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުންނާއި ފުލުހުން ގުޅިގެން މިފަދަ އޮޕަރޭޝަންތައް ކުރިއަށްގެންދިއުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

