އައްޑޫ ހުޅުދޫ ކައުންސިލް އިދާރާގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މޫސާ ސިއްދީގުގެ އިތުބާރު ނެތްކަމަށް އެ ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ކައުންސިލްގެ ނައިބު ރައީސް މިލްހާ ހުށަހެޅުއްވި މައްސަލަތަކަކާ ގުޅިގެން، ކައުންސިލްގެ 4 މެންބަރުންގެ އިއްތިފާގުންނެވެ.
ހުޅުދޫ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ( 5 ނޮވެމްބަރ 2026 ވަނަ ދުވަހު ) ބޭއްވި ބައްދަލުވުމުގެ އެޖެންޑާ ނަންބަރު 4 ގެ ދަށުން ނައިބު ރައީސް މިލްހާ މައިގަނޑު ތިން މައްސަލައެއް ހުށަހެޅުއްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ:
ޔައުމިއްޔާ އެކުލަވާލުމާއި އާންމުކުރުމުގެ މަސްއޫލިއްޔަތު އަދާނުކުރުން:
ކައުންސިލްތަކުގެ ޔައުމިއްޔާ އެކުލަވާލުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ އާންމުކުރުމަށް ސެކްރެޓަރީ ޖެނެރަލާ މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރަމުން ނުދާ މައްސަލަ. މި މައްސަލަ މިލްހާ ހުށަހެޅުއްވި ގޮތަށް ފާސްކުރުމަށް ކައުންސިލްގެ ރައީސް ހުށަހެޅުއްވުމުން، ހާޒިރުވި 4 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ
ގާނޫނީ ވާޖިބަށް އިހުމާލުވުން:
ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 115 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކައުންސިލުން ފާސްކުރާ ނިންމުންތައް އާންމުކުރުމަށް ވަގުތީ އެސްޖީ އިހުމާލުވެފައިވާ މައްސަލަ. މި މައްސަލަވެސް ކައުންސިލްގެ 4 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ވަގުތީ އެސްޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ:
ހުޅުދޫ ކައުންސިލްގެ ވަގުތީ އިދާރީ އިސްވެރިޔާގެ އިތުބާރު ނެތްކަމަށް ނިންމައި، އެ މަގާމަށް ދާއިމީ ބޭފުޅަކު ހަމަޖެހެންދެން ވަގުތީ އިދާރީ އިސްވެރިޔާގެ ޒިންމާތައް އެހެން މުވައްޒަފަކާ ހަވާލުކުރުމަށް ހުށަހެޅި މައްސަލަ. މި މައްސަލަވެސް ހުށަހެޅި ގޮތަށް ކައުންސިލްގެ 4 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ހުޅުދޫ ކައުންސިލްގެ އެތެރޭގެ ހިންގުމަށް މޫސާ ސިއްދީގުގެ ސަބަބުން ބޮޑެތި ހުރަސްތަކެއް އެޅި، މަސައްކަތްތަކަށް "މަރުތަޅެއް" އެޅިފައިވާ ކަމަށް ބުނެ، މީގެ ކުރިންވެސް އެމްޑީޕީ ކައުންސިލަރުން ވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމަށް އެދިފައެވެ. ނަމަވެސް، ކުރިން ކައުންސިލްގެ ރައީސް އެ މައްސަލަ އެޖެންޑާ ނުކުރައްވައި ދޫކޮށްލެއްވުމުގެ ސަބަބުން ޖަލްސާތައް ނުބޭއްވި، ކައުންސިލްގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިގެން ދިޔައެވެ.
މި މައްސަލަ ހޫނުވެ، އެންމެ ފަހުން އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީންވެސް މި މައްސަލަ ބަލަން ފެށިއެވެ. އަދި މި މައްސަލައާ ގުޅިގެން ކައުންސިލްގެ ރައީސަށް އެ ޕާޓީގެ ލާމަރުކަޒީ ކޮމިޓީން ވަނީ އިންޒާރުގެ ސިޓީއެއްވެސް ފޮނުވާފައެވެ. މި ހުރިހާ ކަމަކަށްފަހު، އެންމެ ފަހުން ބޭއްވުނު ޖަލްސާގައި މި މައްސަލަ އެޖެންޑާކޮށް، ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތުން މިވަނީ ވަގުތީ އެސްޖީގެ އިތުބާރު ނެތްކަމަށް ނިންމާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

