އައްޑޫ ހުޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އިންޑިއާގެ އެފްކޮންސް ކުންފުނިން އެ ރަށުގެ އެކި މަގުތަކުގައި ހަރުކޮށްފައިވާ ނަންބޯޑުތަކުގެ ތެރެއިން ބައެއް މަގުތަކުގައި، އެ މަގަކާ އެއްވެސް ގުޅުމެއް ނެތް ނުބައި ނަންބޯޑުތަކެއް ހަރުކޮށްފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެފްކޮންސް ކުންފުނިން މަގުތަކުގައި ނަންބޯޑު ހަރުކޮށްފައިވަނީ ހުޅުދޫ އޮފީހުން އެ ކުންފުންޏަށް ފޯރުކޮށްދިން ލިސްޓަކަށް ބަލައިގެންނެވެ. ވީއޯއެމްއިން މިކަން އިތުރަށް ބަލައި ހޯދުމުން އެނގިފައިވަނީ، ރަށުގެ މުހިންމު ބައެއް މަގުތަކާއި ގޯޅިތަކުގައި ވަނީ މުޅިން އެހެން މަގުމަގުގެ ނަންބޯޑުތައް ހަރުކޮށްފައި ކަމެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް ތަންތަނަކީ:
ރަބީޢީ މަގު: ހަރުކޮށްފައިވަނީ "ލޮރި މަގު" ގެ ނަންބޯޑެވެ.
ޙަސަންދީދީ ގޯޅި: ހަރުކޮށްފައިވަނީ "މިރިޔާސް މަގު" ގެ ނަންބޯޑެވެ.
އަޅިވިލާ ގޯޅި: ހަރުކޮށްފައިވަނީ "އަސްދިއްވާ މަގު" ގެ ނަންބޯޑެވެ.

މީގެ އިތުރުންވެސް، މަތީގައި ފާހަގަކުރެވުނު ތިން މަގުގެ އިތުރުން ރަށުގެ އެހެން ބައެއް މަގުތަކުގައިވެސް މިފަދައިން ނުބައި ނަންބޯޑުތައް ހަރުކުރެވިފައިވާ ކަމުގެ މަޢުލޫމާތު މިހާރު ވަނީ ލިބިފައެވެ.
މި މަސައްކަތް އެފްކޮންސްގެ މީހުން ކޮށް ނިންމިތާ މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު، މިހާތަނަށްވެސް މިކަން ހުޅުދޫ އޮފީހަށް ފާހަގަކުރެވި، މިކަމަށް އެދެވޭ ހައްލެއް ގެނެވިފައި ނެތުމަކީ ނުހަނު ދެރަ އަދި ކަންބޮޑުވާންޖެހޭ ކަމެކެވެ.
ހުޅުދޫގެ މަގުތައް ހަދައި ނަންބޯޑުތައް ބަހައްޓަމުން ދިޔައިރު، އެ މަސައްކަތްތައް ގާތުން ބަލައި މޮނީޓަރ ކުރުމަށް ސުޕަވައިޒަރަކު ބަހައްޓާފައި ހުރިކަމުގެ މަޢުލޫމާތުވެސް ވަނީ ލިބިފައެވެ. އަދި ހުޅުދޫ އޮފީހުގެ އިދާރީ މަސައްކަތްތައް ބަލަހައްޓާ ޑިޕާޓްމެންޓަކީ މިފަދަ ކަންކަން ހިނގަނީ ރަނގަޅަށްތޯއާއި، ނަންބޯޑުތައް ހަރުކުރެވިފައިވަނީ ޞައްޙަކޮށްތޯ ޗެކްކޮށް ބަލަންޖެހޭ ފަރާތް ކަމުގައިވިޔަސް، އެ ފަރާތަށް މިކަން ކުރަންޖެހޭ ގޮތަށް ނުކުރެވި އޮތުމުގެ ސަބަބުން މިކަން މިގޮތަށް ކޮށް ނިންމުމަށްފަހު އެފްކޮންސް މީހުން މިހާރު ވަނީ ރަށުން ފުރައިގެން ގޮސްފައެވެ.
ރަށުގެ މަގުތަކުގެ ނަންތަކަކީ ޒަރޫރީ އެތައް ބޭނުމަކަށް ނުހަނު މުހިންމު އެއްޗަކަށް ވީހިނދު، މިއީ ފަސޭހައިން ދޫކޮށްލެވޭވަރުގެ ކަމެއް ނޫނެވެ. ސަބަބަކީ ބައެއް ފަރާތްތަކުން މިހާރު ރަށުގެ ޗާޓަށް ބަލައިގެން ތަންތަން ހޯދަން މަސައްކަތް ކުރާއިރު، ނުބައިކޮށް ބޯޑް ހަރުކޮށްފައި ހުރުމުން ޗާޓު ބަލައިގެން ހޯދަން ބޭނުންވާ ތަންތަން ފަސޭހައިން ނުފެންނާނެތީއެވެ. އަދި މީގެ އިތުރަށް ގޯތީގެ ރަޖިސްޓްރީ ހަދައި ކައުންސިލުން ދޫކޮށްފައިވާ ރަޖިސްޓްރީގައި ލިޔެފައި ހުންނަ މަގުގެ ނަމާއި، މަގުގައި ހަރުކޮށްފައި ހުންނަ ނަންބޯޑުގައިވާ ނަން ދިމާނުވުމަކީވެސް ގިނަ އޮޅުންތަކަކާއި ދަތިތަކެއް ކުރިމަތިވާނެ ކަމެކެވެ.
އެހެންކަމުން، ހުޅުދޫ ކައުންސިލުން ވީ އެންމެ އަވަހަކަށް މި މައްސަލަ ބައްލަވައި، ނުބައިކޮށް ހުރި ނަންބޯޑުތައް ނަގައި، ރަނގަޅު ނަންބޯޑުތައް ހަރުކޮށް މިކަން އިޞްލާޙު ކުރެއްވުމަކީ މިއަދު ހުޅުދޫގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

