ިވެހިރާއްޖޭގެ ދަނޑުވެރީންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް، އައްޑޫ މީދޫގައި ވަރަށް ކުލަގަދަކޮށް އަދި ކާމިޔާބުކަމާއެކު ފާހަގަކުރެވިގެންދިޔައީ ވަރަށް ގިނަ ފަރާތްތަކެއްގެ ދީލަތި އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް މީދޫ ކައުންސިލްގެ ނައިބު ރައީސް އަމީން ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވީ "އައްޑޫ މީދޫ ކޮމިއުނިޓީ އިވެންޓް"ގެ ނަމުގައި ތައްޔާރުކޮށްފައިވާ ވައިބާ ގްރޫޕުގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.
އެ މެސެޖުގައި އަމީން ވިދާޅުވީ، ކައުންސިލުން އިންތިޒާމުކުރި މި ހަރަކާތްތަކަށް ލިބުނު އެންމެ ބޮޑު ޝަރަފަކީ އަދި ފުރިހަމަކަމަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމް އައްޑޫ މީދޫއަށް ވަޑައިގެން، މި ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުން ކަމަށެވެ. މީގެ އިތުރުން، މިނިސްޓްރީގެ ޚާއްޞަ ޓީމެއް މީދޫއަށް ވަޑައިގެން ކައުންސިލުން ކުރަމުންދިޔަ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ، ދެއްވި އެހީތެރިކަމަކީ މި ހަރަކާތްތައް އިތުރަށް ފުރިހަމަކުރުމަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ވަޒީރު ޝިޔާމަށާއި މިނިސްޓްރީގެ ހީވާގި ޓީމަށް މީދޫ ކައުންސިލާއި މުޅި ރައްޔިތުންގެ ނަމުގައި އަމީން ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
މިފަދަ ބޮޑު ހަރަކާތެއް ކާމިޔާބުކަމާއެކު ނިންމާލެވޭނީ، އެކަމެއްގެ ބޮޑު މަންޒަރާއި ތަސައްވުރު އެނގިހުރެ ދުރާލައި ކުރެވޭ ދަތި އުނދަގޫ މަސައްކަތްތަކުންކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ، މީދޫ ކައުންސިލްގެ ރައީސް މި ހަރަކާތް ރަށުގައި ބޭއްވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވައި، ދުރާލައި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެވަޑައިގެންނެވި ކަމަށެވެ. އަދި ޚުދު ރައީސް އިސްވެ ހުންނަވައިގެން ކޮށްދެއްވި ބުރަ މަސައްކަތަކީ މި ހަރަކާތް ކާމިޔާބުވުމުގެ އަސްލު ކަމަށް ވިދާޅުވެ، ކައުންސިލްގެ ރައީސަށް ވެސް ވަރަށް ޚާއްޞަ ޝުކުރެއް ދެންނެވިއެވެ.
ހަމައެއާއެކު، ފަރުދާގެ ކުރިމަތިންނާއި ފަރުދާގެ ފުރަގަހުން ކައުންސިލްގެ މުވައްޒަފުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެންބަރުން ވެވަޑައިގެންނެވި މިންނެތް ޤުރުބާނީއަށްޓަކައި އެ ހުރިހާ ފަރާތްތަކަށް ވެސް އަމީން ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، މީދޫ ކައުންސިލުން ދިން ދަޢުވަތު ޤަބޫލުކުރައްވައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އައްޑޫ މީދޫއަށް ވަޑައިގެންނެވި އެކި ކައުންސިލްތަކުގެ މެންބަރުންނަށާއި، ދުރުން ވަޑައިގެންނެވި ދަނޑުވެރީންނަށް ވެސް އައްޑޫ މީދޫ ކައުންސިލާއި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.
ރިޕޯޓް ނިންމަވާލައްވަމުން އަމީން ވިދާޅުވީ، މި ހަރަކާތްތައް ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލެވުނު ތަފާތު ކޮމިޓީތަކުގެ މެންބަރުންނާއި، މީދޫގެ ލޮބުވެތި ދަނޑުވެރިންނާއި، ރަށުގެ ކޮންސްޓްރަކްޝަން ގްރޫޕްތަކާއި، އަމިއްލަ ވިޔަފާރިވެރިންގެ އިތުރުން ސްކޫލް ކުދިން ދެއްވި އެއްބާރުލުމާއި ފޯރުކޮށްދެއްވި އެހީތެރިކަން އަގުނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެ ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށް އަމީން ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

