މާތް ﷲ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު ﷺ ޙުރުމަތްތެރި ކުރައްވާފައިވާ މައްކާއާއި މަދީނާގެ ޙުރުމަތް ކަނޑައި، ޔަމަނުގެ ހޫޘީން ދެމުންދާ އަނިޔާވެރި ޢުދުވާނީ ޙަމަލާތަކާއި އިންޒާރުތައް މިއަދުގެ ހުކުރު ޚުޠުބާގައި ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ވަނީ އިސްލާމީ މުޤައްދަސް ބިންތަކުގެ ޙުރުމަތް ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ޚުޠުބާގައި ފާހަގަކުރި ގޮތުގައި، މައްކާ އާއި މަދީނާ އަކީ ޤިޔާމަތާ ހަމައަށް މާތް ﷲ ޙުރުމަތްތެރި ކުރައްވާފައިވާ މުޤައްދަސް ދެ ޙަރަމްފުޅުކަމަށާ އެ ދެ ރަށަކީ މުޅި އިސްލާމީ އުއްމަތުގެ އެންމެ މަތިވެރި ޝިޢާރުތައް ޤާއިމުވެފައިވާ، އެންމެހައި މުސްލިމުންގެ ލޯތްބާއި ޤަދަރު ލިބިގެންވާ ދެބިންކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މި މާތް ދެ ބިމުން ކުރެ ބިމަކަށް ނުރައްކާވާ ފަދަ އެއްވެސް ޙަމަލާއެއް ދިނުމަކީ ނުވަތަ އެފަދަ ޢުދުވާނެއް ހިންގުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެހައި މުސްލިމުންގެ ހިތްތައް ހިތާމައިން ކުދިކުދިވެގެންދާނެ ފަދަ ބޮޑު ޖަރީމާއެއް ކަމުގައި ޚުޠުބާގައި ބަޔާންކުރިއެވެ.
އަދި އެއީ އެއްވެސް މުސްލިމަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިފަދަ ޢުދުވާނީ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ސަމާލުވެ، މުސްލިމުންގެ މުޤައްދަސް ބިންތަކުގެ ދިފާޢުގައި މުޅި އުއްމަތް އެކަތިގަނޑަކަށް ވާންޖެހޭ ކަމަށްވެސް ޚުޠުބާގައި ގޮވާލާފައިވެއެވެ.
ޚުޠުބާ ނިންމާލަމުން، މާތް ﷲ އިސްލާމީ އުއްމަތަށް އަމާންކަމާއި ޞުލްޙަ މިންވަރުކުރައްވައި، މުޤައްދަސް ދެ ޙަރަމްފުޅު އެންމެހައި ޢަދާވާތްތެރިންގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް
