ދޯހާގައި ކުރިއަށްދާ 2026 ވަނަ އަހަރުގެ އެފް.އައި.ވީ.ބީ ވޮލީބޯލް ބޯއީސް އަންޑަރ -17 ވޯލްޑް ޗެމްޕިއަންޝިޕްގެ ހަތަރުވަނަ ދުވަހު، ފަސް ސެޓަށް ދިގުލައިގެން ފޯރިގަދަ ތިންމެޗް ވަނީ ކުޅެވިފައެވެ.
މިމެޗްތަކުގެ ތެރެއިން މި މުބާރާތުގެ ފުރަތަމަ ފަސް ސެޓަށް ކުޅެން ޖެހުނު ގްރޫޕް ސީގެ މެޗް ބްރެޒިލް އިން ޕޮލެންޑް ބަލިކުރީ 3-2 ސެޓުން (25-12، 23-25، 25-17، 23-25، 16-14) ނެވެ.

މިމެޗްގައި ބްރެޒިލްގެ އާތަރ ލީމާ 28 ޕޮއިންޓް ހޯދައިދިންއިރު، ލޫކަސް އަބްރޫ ބްލޮކްތަކުން 7 ޕޮއިންޓް ހިމެނޭހެން 14 ޕޮއިންޓް ހޯދައިދިނެވެ. ޕޮލެންޑްގެ އޮކްޓާވިއަން ނޮވަކް 22 ޕޮއިންޓް ހޯދައިދީ، މެޗު ފަހު ސެޓާ ހަމައަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ.
މީގެއިތުރަށް މިޞްރުން ވަނީ ތުރުކީއާ ދެކޮޅަށް ކުޅެ 3-2 ސެޓުން (17-25، 25-22، 26-24، 20-25، 15-12) މޮޅުވެ، ދޯހާގައި އެޓީމުގެ ފުރަތަމަ މޮޅު ހޯދާފައެވެ.
ތުރުކީގެ ޔޫސުފް ތިރްޕަންސީ 20 ޕޮއިންޓް ހޯދައިދިން ނަމަވެސް، މިޞްރުގެ މުޙައްމަދު އާމިރު އާއި ކެޕްޓަން ޢުމަރު މުޞްޠަފާގެ މޮޅު ކުޅުމާއެކު އެޓީމުން މެޗު ކާމިޔާބުކުރިއެވެ.

މިމުބާރާތުގައި ޗައިނީސް ތައިޕޭ އިން ވަނީ އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓުން ބަލިވެފައި އޮއްވާ، ފަހަތުން އަރައި 3-2 ސެޓުން (20-25، 22-25، 25-22، 25-23، 15-12) މެޗު ކާމިޔާބުކޮށްފައެވެ.

މިމުބާރާތުގެ 4 ވަނަ ދުވަހު ޓިއުނީޝިއާ އިން ވެނެޒުއޭލާ ބަލިކުރީ 3-1 ސެޓުން (25-22، 22-25، 25-16، 25-23) ނެވެ. މި މެޗުގައި ޓިއުނީޝިއާގެ ޔޫސުފް މާލެކް 27 ޕޮއިންޓް ހޯދައިދިންއިރު، އެޓީމުގެ ބްލޮކިންގް ވަނީ ވަރަށް ބޮޑު ތަފާތެއް ދައްކާފައެވެ. ވެނެޒުއޭލާގެ ފަރާތުން ޑިއޭގޯ ރޮންޑޮން 23 ޕޮއިންޓް ހޯދައިދިން ނަމަވެސް، ބްލޮކް ކުރުމުގައި ޓިއުނީޝިއާ އޮތީ 16-2 ގެ ބޮޑު ކުރިއެރުމެއްގައެވެ.

ގްރޫޕް 'ބީ' ގައި ރޫމޭނިއާ އިން ކިއުބާގެ މައްޗަށް ކުރިހޯދީ 3-0 ސެޓުން (25-14، 26-24، 25-15) ނެވެ. ރޫމޭނިއާގެ ޓިއުޑޯ ކަލްސިއޫ އަދި ކެޕްޓަން އަލެކްސަންޑްރޫ އަޕޮސްޓޫ، ކޮންމެ ކުޅުންތެރިއަކު 14 ޕޮއިންޓް ހޯދައިދިނެވެ. ކިއުބާގެ ކެޕްޓަން ރެއިނަލްޑޯ މާކޭޒް 14 ޕޮއިންޓް ހޯދައިދިން ނަމަވެސް، ރޫމޭނިއާގެ ވަރުގަދަ އެޓޭކްތަކާއި ސާވިސްތަކުގެ ކުރިމަތީގައި ކިއުބާ އަށް ކާމިޔާބެއް ނުލިބުނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

