ދިވެހިރާއްޖޭގައި ބައިސިކަލް ދުއްވުމުގެ ސަގާފަތް ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ "ބައިކް މޯލްޑިވްސް" ގެ ޓީމުން އައްޑޫ މީދޫއާއި ހުޅުދޫއަށް ކުރި ޒިޔާރަތަށްފަހު، އެ ދެ ރަށުގެ ރައްޔިތުން ދެންނެވި ހޫނު މަރުޙަބާއާއި، ބެހެއްޓެވި ގާތްކަމާއި އަދާކުރެއްވި ފުރިހަމަ މެހެމާންދާރީއަށްޓަކައި "ބައިކް މޯލްޑިވްސް"ގެ ޢާއިލާގެ ނަމުގައި ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފިއެވެ.
ބައިކް މޯލްޑިވްސް އިން މީދޫ އާއި ހުޅުދޫގެ ރައްޔިތުންނަށް ޝުކުރު ދެންނެވީ މި ހިނގާ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އެ ޖަމްޢިއްޔާގެ ޓީމުން އެ ދެ ރަށަށް ކުރި ޒިޔާރަތުގައި ލިބުނު ފުރިހަމަ ތަރުޙީބާއި މެހެމާންދާރީ ފާހަގަކޮށް، އެ ޖަމްޢިއްޔާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޝާއިޢުކުރި ޚާއްޞަ ޕޯސްޓެއްގައެވެ.
"ބައިކް މޯލްޑިވްސް"ގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ، އެ ރީތި ދެ ރަށަށް ޓީމު ފޭބި ވަގުތުން ފެށިގެން މަރުޙަބާގެ މާފަތިތަކާއެކު ދެންނެވި ފުރިހަމަ މަރުޙަބާއިން، މިއީ ވަރަށް ޚާއްޞަ ޒިޔާރަތަކަށް ވާނެކަން އިޙްސާސްވި ކަމަށެވެ. އަދި ތަރުތީބުކޮށްފައިވާ ފުރިހަމަ ޕްރޮގްރާމާއި، ކުލަގަދަ މަރުޙަބާގެ ބުއިންތަކާއި، "ޑަކް ޕާކް" އާއި "އީކޯ ޕާކް" ފަދަ ތަންތަނުން ފެނިގެންދިޔައީ ރައްޔިތުން އެ ދެރަށާމެދު ފަޚުރުވެރިވާ މިންވަރާއި ބަހައްޓަވާ ލޯބި ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މި ދަތުރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ ތިމާވެއްޓާ ރައްޓެހި އެ ރީތި ބިމުގައި ރުއް އިންދުމުގެ ފުރުޞަތު ބައިކް މޯލްޑިވްސްއަށް ލިބިގެންދިއުންކަމަށް "ބައިކް މޯލްޑިވްސް"ގެ ފޭސްބުކް ޕޭޖްގައި ބުނެފައިވެއެވެ. އެ ޖަމްޢިއްޔާއިން ފާހަގަކޮށްފައިވާގޮތުގައި މިއީ ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. އަދި އެ ސަރަޙައްދަކީ ބައިކް މޯލްޑިވްސްއާ ގުޅުންހުރި ތަނެއްގެ ގޮތުގައި ފާހަގަކުރުމަށް ރައްޔިތުން އިސްނެންގެވި ކަމީ "ބައިކް މޯލްޑިވްސް"ގެ ޓީމުގެ މެމްބަރުންގެ ހިތްތަކަށް ވަރަށް ބޮޑު އުފާވެރިކަމެއް ގެނެސްދިން ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން، ހުޅުދުއާއި މީދޫގެ ހީވާގި އަންހެން ކަނބަލުން ލޯތްބާއެކު ތައްޔާރުކުރައްވާފައިވާ މީރު މެންދުރުގެ ފަރިއްކޮޅާއި ފޮނިކާތަކެތީގެ ސަބަބުން އެއް ޢާއިލާއެއްގެ އިޙްސާސް ކުރެވުނު ކަމަށާއި، ރައްޔިތުންގެ ހިނިތުންވުމާއި ގާތްކަމުން ބަޔާންކުރަންދަތި އުފަލެއް ލިބުނުކަން ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.
މި ދަތުރުގެ އެންމެ ފޯރިގަދަ ވަގުތުކޮޅަކަށް ވެގެންދިޔައީ މުޅި ރަށުގައި ބޭއްވުނު ބައިސިކަލް ބުރުމަށް ބުނަމުން "ބައިކް މޯލްޑިވްސް" ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ މަގުތަކަށް އެތައް ބަޔަކު ނުކުމެ، އެންމެން އެކުގައި ހިނިތުންވުމާއެކު ބައިސިކަލް ދުއްވާލި މަންޒަރަކީ ހިތްތަކަށް ބޮޑު ދިރުމެއް ގެނުވި ކަމެއްކަމަށެވެ. މި ހަރަކާތް އިތުރަށް ފުރިހަމަވެގެންދިޔައ ނެގުނު ހަނދާނީ ފޮޓޯތަކުންނާއި ފެހިކަން ގަދަ ރީތި މާޙައުލެއްގައި ބޭއްވުނު ހަވީރުގެ ސައިފޮދަކުންކަމަށވެސް "ބައިކް މޯލްޑިވްސް"ގެ ފޭސްބުކް ޕޭޖްގައި ބުނެފައިވެއެވެ. .
"ބައިކް މޯލްޑިވްސް"ގެ ބަޔާނުގައި މީދޫއާއި ހުޅުދޫގެ ސާފުތާހިރުކަމާއި ތިމާވެއްޓަށް ދެއްވާ އަހަންމިއްޔަތުކަމަށް ބައިކް މޯލްޑިވްސް އިން ވަނީ ނުހަނު ބޮޑަށް ތަޢުރީފުކޮށްފައެވެ.
ބައިސިކަލް ބުރުގައި ބައިސިކަލް ދުއްވިއިރު މަގުމަތިން އެންމެ ޕްލާސްޓިކް ފުޅިއެއް ނުވަތަ ކޮތަޅެއްވެސް ފެންނަން ނެތުމަކީ މުޅި ރާއްޖެއަށް ދައްކުވައިދިން ރިވެތި ނަމޫނާއެއް ކަމުގައި އެ ޖަމްޢިއްޔާއިން ދެކޭކަމަށްވެސް "ބައިކް މޯލްޑިވްސް"ގެ ބަޔާނުގައި ބުނެފައިވެއެވެ.
ކުރިމަގަށް އަލިއަޅުވާލަމުން ބައިކް މޯލްޑިވްސް އިން ހާމަކޮށްފައިވާ ގޮތުގައި، މީދޫއާއި ހުޅުދޫއަކީ ތިމާވެއްޓާ ރައްޓެހި، ބައިސިކަލް ދުއްވުމަށް ޚާއްޞަ ނަމޫނާ މުޖުތަމަޢަކަށް ހެދުމަށް އެކުގައި މަސައްކަތް ކުރުމަކީ އެ ޖަމްޢިއްޔާގެ ބޮޑު އަމާޒެއްކަމަށް ބުނެފައިވެއެވެ. އަދި މީދޫއާއި ހުޅުދޫގެ ގިނަ ބަޔަކު ބައިކް މޯލްޑިވްސްގެ ޢާއިލާއާ ގުޅި، ޔޫ.ސީ.އައި (UCI) އާ ގުޅުންހުރި ބައިނަލްއަޤްވާމީ ފުރުޞަތުތަކުގައި ބައިވެރިވުމަކީ ކުރެވޭ ވަރަށް ބޮޑު އުންމީދެއްކަމަށްވެސް ބުނެފައިވެއެވެ.
"ބައިކް މޯލްޑިވްސް"ގެ ޓީމް މީދޫއާއި ހުޅުދުއަށް ކުރި ޒިޔާރަތް ކާމިޔާބު ކުރުމުގައި އިސްނެންގެވި ޝަޒުއަށާއި އޭނާގެ ހީވާގި ޓީމަށް، އަދި އެހީތެރިވި އެންމެހާ ފަރާތްތަކަށް ބައިކް މޯލްޑިވްސްއިން ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައިވެއެވެ. އަދި ރައްޔިތުން ބެހެއްޓެވި ގާތްކަމާއި ހަނދާންތައް އަބަދުވެސް ހިތްތަކުގައި ދެމިހުންނާނެކަން ފާހަގަކުރަމުން، އެކުގައި މަސައްކަތްކޮށް ސާފުތާހިރު، ފެހި އަދި ދުޅަހެޔޮ ރާއްޖެއަކަށް ދަތުރުކުރުމަށް އެ ޖަމްޢިއްޔާއިން ވަނީ ގޮވާލާފައެވެ.
މި ޚާއްޞަ މެސެޖު ނިންމާލާފައިވަނީ ބައިކް މޯލްޑިވްސްގެ ރައީސާ ފާތިމަތު ނައިލާގެ އިތުރުން އެމް.ޓީ.ސީ.ސީ، އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި އޭޝިއަން ސައިކްލިންގ ކޮންފެޑަރޭޝަންގެ ނަން ފާހަގަކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

