އައްޑު އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން، ހުޅުދޫއާ އިންވެގެން އޮންނަ މީދޫއަކީ ގުދުރަތީ ރީތިކަމާއި، ތާރީޚީ ގޮތުން ބަލާއިރު ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ. މީދޫ އަކީ ދަނޑުވެރިކަމަށް މުޅި ރާއްޖެއަށް މަޝްހޫރު ރަށެކެވެ. އަދި އާސާރީ ގޮތުން އަގުނުކުރެވޭ ފަދަ މުހިންމު ބިނާތައް ހުރި، ތާރީޚީ މުއްސަނދިކަން ލިބިފައިވާ ރަށެކެވެ.

މީލާދީން 1939 އިން 1945 އަށް މުޅި ދުނިޔެ ނާމާންކަމެއްގެ ތެރެއަށް ވައްޓާލި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، އިނގިރޭސި ސިފައިންގެ މައި މަރުކަޒެއްގެ ގޮތުގައި އައްޑޫ ގަން ބޭނުންކުރިއެވެ. ޕޯޓް ޓީގެ މައި މަރުކަޒު ގަމުގައި ހުއްޓަސް ގަމުގައި ތިބި އަސްކަރީ ސިފައިނަނށް އެހީވުމުގެ ގޮތުން އެކި ވަސީލަތްތައް އައްޑު އަތޮޅުގެ އެހެން ބައެއް ރަށް ރަށުގައިވެސް އިނގިރޭސި ސިފައިން ގާއިމު ކުރިއެވެ. މީގެ ތެރެއިން އެންމެ މުހިއްމު އެއް ވަސީލަތަކީ މީދޫ މާއެޅެ ސަރަހައްދުގައި އެމީހުން ގާއިމު ކުރި ޑިފެންސް ޕޯސްޓެވެ. ގަން ފިޔަވައި ދެން އެންމެ ގިނަ ސިފައިންނާއި ހަތިޔާރު ބެހެއްޓީ މިތަނުގައެވެ. މާއެޅެ މިކަމަށް އިޚުތިޔާރު ކުރި ސަބަބަކީ އެއީ އައްޑު އަތޮޅުގެ އިރު އުތުރު ދުންޏަށް ވެފައި އޭޝިއާގެ އިރުމަތިން އަތޮޅާއި ކައިރިކުރާ ބަޔަކަށް ހަމަލަދޭން އެންމެ އެކަށީގެންވާ ތަނަކީ އެއީ ކަމަށް ވުމެވެ.
ރާއްޖޭގެ ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނައިރު، މީދޫއަކީ މި ސިނާއަތުން ބޮޑު ކުރިއެރުމެއް ހޯދިދާނެ ރަށެކެވެ. މިހާރުވެސް ޒަމާނީ ފެންވަރުގެ ގެސްޓްހައުސްތަކާއި ޓޫރިސްޓް ބީޗެއް ގާއިމުކޮށްފައިވީ ނަމަވެސް، މީދޫގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް އޮތް އެންމެ ބޮޑު ފުރުސަތަކީ މާއެޅެ ސަރަހައްދުގެ ތާރީޚީ ވަސީލަތްތަކެވެ.
މީދޫގެ ރަށްވެހިން ގަބޫލުކުރާ ގޮތުގައި މި އާސާރީ ތަންތަނަކީ ރަށުގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ލިބިފައިވާ "ރަންބިސްއަޅާ ކުކުޅެވެ". ދުނިޔޭގެ ތާރީޚަށް ޝައުގުވެރިވާ ފަތުރުވެރިންނަށް މީދޫ ދެބަޑިދޭތެރޭގެ ބިންގަރާސްތަކާއި ޑިފެންސް ޕޯސްޓްތަކަކީ ބަލާލަން މުހިންމު ތަންތަނެވެ. އެތަން ތަރަތައްގީ ކުރަންޖެހެއެވެ.

ނަމަވެސް، މިހާރު އެސަރަހައްދު ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. މާއެޅެ ސަރަހައްދުގައި ވިނަހެދުމުގެ ސަބަބުން ޖަންގައްޔަކަށް ބަދަލުވަމުންދާއިރު، ދާދިފަހުން އެ ސަރަހައްދުގައި ޖިއޯ ބޭގްސް ޖެހުމުގެ މަސައްކަތް ކުރުމުގެތެރޭގައި އެސަރަހައްދުގެ ގޮނޑު ދޮށުގައިހުރި ބިންގަރާސްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިއީ މިފަދަ އަގުހުރި ތަރިކަތަކާ މެދު ކަންތައް ކުރަންޖެހޭނެ ގޮތެއް ނޫނެވެ. މާއެޅެ ސަރަހައްދުގެ އިތުރުން، މީދޫ ކޯގަންނު ގަބުރުސްތާނުގައިވާ ހިރިގަލުގެ މަސައްކަތަކީ ވެސް ފަތުރުވެރިންނަށް ދެއްކިދާނެ އަގުބޮޑު ބިނާއެކެވެ.

މީދޫއަކީ ހަމައެކަނި ދަނޑުވެރި ރަށެއް ނޫނެވެ. މިއީ ދިވެހި ތާރީޚުގެ މުހިންމު ސަފުހާތަކެއް ރައްކާކުރެވިފައިވާ "އޯޕަން އެއާ މިއުޒިއަމް" އެކެވެ. ތާރީޚާއި ސަގާފަތާ ބެހޭ ވުޒާރާއާއި ރަށު ކައުންސިލް ގުޅިގެން، މި ތަންތަން އަލުން އާބާތުރަ ފިލުވައި، މައުލޫމާތު ލިބޭނެ ނިޒާމެއް ގާއިމުކުރުމަކީ މުހިއްމުކަމެކެވެ. އެއީ ރަށުގެ އިގްތިސާދަށާއި އަންނާން އޮތް ޖީލުތަކަށްޓަކައި ކުރަންޖެހޭމުހިންމު މަސައްކަތެކެވެ. މިކަން ކުރެވިއްޖެނަމަ، މީދޫ ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޗާޓުގައި ފާހަގަކޮށްލެވޭ ތަފާތު މަންޒިލަކަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

