ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރާއްޖޭގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އަޙްމަދު ފާޒިލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫ، ދޭލިޔާގެ، ޢުމުރުން 31 އަހަރުގެ އަޙްމަދު ފާޒިލް ކަމަށެވެ.
ފާޒިލް ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި އޮގަސްޓު މަހުގެ 20 ވަނަ ދުވަހުއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަންގެ ތެރެއިން ވ. ކެޔޮދޫގައި އޭނާ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ދެ ގެއެއް ވަނީ ބަލައިފާސްކޮށްފައެވެ. އެގޮތުން އެ ގެތައް ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތުން އިތުރަށް ތަޙުޤީޤުކުރަމުން އަންނަ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

