ޗެލްސީއަށް މި ސީޒަނުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހި، ނަތީޖާތައް ދަށްވެފައިވީ ނަމަވެސް، އެ ޓީމުން ވަނީ އެފް.އޭ ކަޕްގެ ފައިނަލުން ޖާގަ ހޯދައިފައެވެ.
އާދީއްތަ ދުވަހު ކުޅުނު ސެމީ ފައިނަލް މެޗުގައި، އެންޒޯ ފެނާންޑޭޒް މެޗުގެ 23 ވަނަ މިނެޓުގައި ބޮލުން ކާމިޔާބުކުރި ލަނޑާއެކު ލީޑްސް ޔުނައިޓެޑްގެ މައްޗަށް 1-0 އިން ޗެލްސީ ކުރިހޯދިއެވެ. މިއާއެކު، އަންނަ މެއި މަހުގެ 16 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލް މެޗުގައި ޗެލްސީ ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީއާއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޕެރިސް ސެއިންޓް ޖާމަން (ޕީ.އެސް.ޖީ) އަތުން 8-2 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވެ ކެޓުމާއި، އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ފަސް މެޗުން ބަލިވުމުގެ ސަބަބުން ޗެލްސީ އޮތީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. މިއީ ފާއިތުވި 114 އަހަރު ތެރޭގައި އެ ޓީމުން ލީގުގައި ނެރުނު އެންމެ ދަށް ނަތީޖާތަކެވެ. މި ނަތީޖާތަކާ ގުޅިގެން ކޯޗު ލިއަމް ރޮސެނިއާ މިދިޔަ ހަފުތާގައި މަގާމުން ވަކިކޮށްފައިވާއިރު، އެފް.އޭ ކަޕްގެ ފައިނަލަށް ދެވުމަކީ އެ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
މިހާރު ޓީމާ ވަގުތީގޮތުން ހަވާލުވެ ހުރި އެސިސްޓަންޓް ކޯޗު ކެލަމް މެކްފާލޭންގެ އިރުޝާދުގެ ދަށުން ޗެލްސީ އަންނަ މަހު ވެމްބްލީއަށް ނުކުންނާނީ، 2018 ވަނަ އަހަރަށްފަހު އެ ޓީމުން ހޯދާ ފުރަތަމަ އެފް.އޭ ކަޕް ތަށި އަދި ކްލަބްގެ ތާރީޚުގައި ނުވަވަނަ ތަށި ކާމިޔާބުކުރުމުގެ އުންމީދުގައެވެ.
މެކްފާލޭން ބުނި ގޮތުގައި، ޓީމުގެ ނަތީޖާތައް ދަށްވެފައިވާ ދަނޑިވަޅެއްގައި މި މޮޅަކީ މުޅި ޓީމުގެ ރޫހު މުޅިން ބަދަލުކޮށްލި މުހިންމު ކާމިޔާބީއެކެވެ.

ފެނާންޑޭޒްގެ ކާމިޔާބީމެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ޕެޑްރޯ ނެޓޯ ނަގައިދިން ހުރަހަކުން ބޮލުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ފެނާންޑޭޒް ވަނީ ދާދި ފަހުން މެޑްރިޑަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ކަމަށް ބުނެ ދެއްކި ވާހަކަތަކާ ގުޅިގެން ކްލަބުން ދެ މެޗަށް ސަސްޕެންޑްކޮށް، ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެހެންނަމަވެސް، މެކްފާލޭން ވަނީ މި މެޗުގައި އޭނާއަށް ކެޕްޓަން ބޭންޑް ދީފައެވެ. މެކްފާލޭން ބުނީ ފެނާންޑޭޒްއަކީ މޮޅުވާން ބޭނުންވާ، ހުނަރުވެރި އަދި ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.
1973 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ފައިނަލަށް ދިއުމަށް އުންމީދުކޮށްގެން ނުކުތް ލީޑްސްއިން ދެވަނަ ހާފުގައި ވަރަށް ބޮޑަށް ޗެލްސީއަށް ޕްރެޝަރު ކުރިއެވެ. ނަމަވެސް ޗެލްސީގެ ގޯލްކީޕަރު ސަންޗޭޒް ވަނީ ލީޑްސްގެ ހަމަލާތައް ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ލީޑްސްގެ ކޯޗު ޑެނިއަލް ފާކޭ ބުނީ އޭނާގެ ކުޅުންތެރިން ބައެއް ފަހަރު މާ ބޮޑަށް ހާސްވީ ކަމަށާއި، އެހެންނަމަވެސް ޓީމުން މި މުބާރާތުގައި ދެއްކި ކުޅުމާ މެދު ފަހުރުވެރިވާ ކަމަށެވެ.
ޗެލްސީގެ ކޯޗް މެކްފާލޭން ބުނީ ގޮތުގައި ފައިނަލްގައި ބައްދަލުކުރާ ސިޓީއަކީ ވަރަށް ފޯމުގައި އޮތް ވަރުގަދަ ޓީމެއް ނަމަވެސް، ޗެލްސީގެ ކުޅުންތެރިންނަކީ ބޮޑެތި މެޗުތަކުގައި އަދި ގޮންޖެހުން ބޮޑު ހާލަތްތަކުގައި އެމީހުންގެ ކުޅުން އިތުރަށް ވަރުގަދަކުރާ ބައެއްކަމަށެވެ.
ޗެލްސީ އެންމެ ފަހުން އެފް.އޭ ކަޕް ފައިނަލެއްގައި ކުޅުނީ 2022 ވަނަ އަހަރުއެވެ. ނަމަވެސް އެ ފަހަރު ޕެނަލްޓީ ޖަހައިގެން ލިވަޕޫލް އަތުން ވަނީ ބަލިވެފައެވެ. މިއީ ޗެލްސީން ޖެހިޖެހިގެން ބަލިވި ތިންވަނަ އެފް.އޭ ކަޕް ފައިނަލެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

