އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް 'އޭ'ގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗު، ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ދިވެހިރާއްޖޭގެ ޤައުމީ ޓީމު ކާމިޔާބުކޮށްފިއެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅެވުނު މިމެޗު ފެށިގެން ރާއްޖޭގެ ޓީމުން ދިޔައީ މޮޅު ކުޅުމެއް ދައްކައި، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރަމުންނެވެ. އެގޮތުން މެޗުގެ 24 ވަނަ މިނެޓުގައި އަޙްމަދު އައިހަމް ނެގި ހުރަހަކުން، އިބްރާހީމް މަހުދީ ހުސައިން ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ، ޓިމޯ ލެސްޓޭގެ ގޯލްކީޕަރު ޑިލަން ހޯސޭ ނިސްކީ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އޭގެ ފަހުން ނާއިޒް ހަސަނަށް ލިބުނު ހުސް ފުރުސަތެއްގައި، ކީޕަރު ކައިރިން ބޯޅަ ނައްޓާލުމަށް މަސައްކަތް ކުރި ނަމަވެސް، ކީޕަރު ހޯސޭ ވަނީ އެ ބޯޅަ ހުއްޓުވާފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފު ފަށައިގެން ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރާއްޖެއިން މޮޅަށް ކުޅެމުންދަނިކޮށް، ޓިމޯ ލެސްޓޭއިން ވަނީ ކައުންޓަރ އެޓޭކެއްގައި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެލެކްޒެންޑްރޯ ބަޙިތޯ ލެމޯސްއެވެ.
ނަމަވެސް، ރާއްޖެއިން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައި، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އިރުފާން އެވެ. އޭނާ މި ލަނޑު ޖެހީ ފުރަތަމަ ފޮނުވާލި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ވަގުތުގައެވެ.
މެޗުގެ ފަހު 10 މިނެޓުގައި ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާޤް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ކުޅެން ނުކުތުމާއެކު، ރާއްޖޭގެ ކުޅުމަށް އިތުރު ދިރުމެއް އައެވެ.
އަޝްފާޤްގެ 99 ވަނަ ބައިނަލްއަޤްވާމީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އޭނާ ހޯދައިދިން ޕެނަލްޓީއަކުން، އަލީ ފާސިރު ވަނީ ލަނޑުޖަހައި ރާއްޖެއަށް މިމެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

