މި އަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް މޯލްޑިވްސް ޒަކާތު ހައުސް އިން އިއްޔެ ރަސްމީކޮށް ފަށައިފިއެވެ. ޒަކާތް ދެއްކުމުގެ ކަންކަން ވީހާވެސް ލުއިފަސޭހަކޮށް ކުރިއަށް ގެންދިއުމަށްޓަކައި، އޮންލައިން ޕްލެޓްފޯމްތަކުގެ އިތުރުން ކައުންޓަރުތަކުން ވެސް ޒަކާތް ދެއްކޭނެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސާފައެވެ.
ޒަކާތު ހައުސް އިން މައުލޫމާތު ދޭ ގޮތުގައި، އިއްޔެ އިން ފެށިގެން ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އޮންލައިންކޮށް ޒަކާތް ދެއްކޭނެއެވެ. ޖުމްލަ ހަތް ޕްލެޓްފޯމެއް މެދުވެރިކޮށް މި ޚިދުމަތް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
ދިރާގު ޕޭ
އުރީދޫ އެމް-ފައިސާ
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)
ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)
ފަހިޕޭ
އަވަސް އެޕް
ބަނޑޭރި ޕޭ
މީގެ ތެރެއިން ބަނޑޭރި ޕޭ އަދި ފަހިޕޭ މެދުވެރިކޮށް، ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށް ޒަކާތު ހައުސް އިން ބުނެއެވެ.
ކައުންޓަރުތަކަށް ގޮސްގެން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް މާލޭގައި ނަމަ އިސްލާމީ މަރުކަޒުން އެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި ޒަކާތް ބަލައިގަންނަމުންދާނީ އެ ރަށެއްގެ ކައުންސިލް އިދާރާތަކުންނެވެ.
މާލޭގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:
ފެބުރުއަރީ 22 އިން މާޗު 9 އަށް: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 1:00 އަށް.
މާޗު 10 އިން 19 އަށް: ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށް.
ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް
މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮލާގެ ބާވަތުން 2.4 ކިލޯއަށް ޖެހޭ ފައިސާގެ އަދަދެވެ. އެގޮތުން ކަނޑައަޅާފައިވާ އަގުތަކަކީ:
އާދައިގެ ހަނޑޫ: 12ރ.
ތައިލެންޑް ހުދު ހަނޑޫ: 53ރ.
ރަތް ހަނޑޫ: 96ރ.
އާދައިގެ ބާސްމަތީ ހަނޑޫ: 77ރ.
މޮޅު ބާސްމަތީ ހަނޑޫ: 109ރ.
އެންމެ މޮޅު ބާސްމަތީ ހަނޑޫ: 136ރ.
އާދައިގެ ފުށް: 10ރ.
އާޓާ ފުށް: 75ރ.
ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބުވެގެންވާ އެއްޗަކަށް ވާއިރު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޒަކާތް ދެއްކުމަށް ޒަކާތު ހައުސް އިން އިލްތިމާސްކުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

