ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ސިޔާސީ މަސްރަޙު ހޫނުވަމުންދާއިރު، މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްރަހުމާން ވަނީ ޝާތިރުގެ ކެނޑިޑެސީއަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. މެމްބަރު އަބްދުއްރަހުމާން ވިދާޅުވި ގޮތުގައި، ޝާތިރު އަކީ ކެރޭ، ފިސާރި ހިތްވަރުގަދަ ބޭފުޅެއްކަން އޭނާގެ ނިންމުމުން މިއަދު ވަނީ ސާބިތުވެފައެވެ.
މެމްބަރު އަބްދުއްރަހުމާން މިފަދައިން ވިދާޅުވީ، ޕީއެންސީ ޕްރައިމަރީގައި މީދޫގެ މިހާރުގެ ކައުންސިލަރު ސާލިއާއި ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، އަމިއްލަ ގޮތުން މީދޫ ދާއިރާގެ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާނެ ކަމަށް ޝާތިރު އިޢުލާން ކުރެއްވުމާ ގުޅިގެންނެވެ. ޝާތިރުގެ މި ނިންމެވުން އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ހާމަކުރެއްވުމާ އެކު، މެމްބަރު އަބްދުއްރަހުމާން ވަނީ އެކަމަށް މަރުޙަބާ ވިދާޅުވެ ފޭސްބުކްގައި ޝުޢޫރު ފާޅުކުރައްވާފައެވެ.

މެމްބަރުގެ ލިޔުމުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މީދޫގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 2300 އަށް ވުރެ ގިނަ ރައްޔިތުން ތިބިއިރު، ޝާތިރުއަށް ވޯޓު ދިނުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ބަލައި މާޔޫސްވެފައި ތިބި ގިނަ ރައްޔިތުންތަކެއްގެ އެދުމުގެ މަތިން ޝާތިރު ނިންމެވި މި އުނދަގޫ ނިންމުމަށް ޝުކުރު ދަންނަވަން ޖެހެއެވެ.
"މިއީ ހަގީގީ ލީޑަރުންގެ ގޮތަކީ. ޖެހިލުންކުޑަ، ކެރޭ ޝާތިރު ފަދަ ބޭފުޅަކު އަހަރެމެންގެ ވެރިއަކަށް އައްޔަން ކުރަން އަހަރެމެން ބޭނުންވަނީ،"
އަބްދުއްރަހުމާން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ޝާތިރުގެ ގާބިލުކަމާއި ހިންގުންތެރިކަމާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށާއި، މުޅި ޓީމު އޮތީ ޝާތިރުއާ އެކު ސާބިތުކަމާ އެކު ގަދަކޮށް ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. އަބްދުއްރަހުމާންގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ޝާތިރުއަކީ ހަގީގަތުގައިވެސް "ރައްޔިތުންގެ ކެނޑިޑޭޓް" ކަމަށެވެ.
މި ނިންމުމާ އެކު މީދޫ ދާއިރާގެ އިންތިޚާބީ ވާދަވެރިކަން އިތުރަށް ބޮޑުވެ، ރައްޔިތުންގެ މެދުގައި މިކަމަށް އޮތް ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

