ކޮންމެ ރަށެއްގައިވެސް ރައްޔިތުން އިންތިޚާބުކުރާ މަގާމުތަކަކީ އެ ރަށެއްގެ ކުރިއެރުމާއި، އިޖުތިމާއީ ބަދަހިކަމާ ގުޅިފައިވާ މުހިންމު މަގާމުތަކެކެވެ. މީދޫ ފަދަ ލޯތްބާއި ކުޅުނުވެރިކަން އޮތް މުޖުތަމައެއްގައި، މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފައަކީ ރީތި އަޚުލާގާއި، އިންސާނީ ކަރާމާތަށް އިހުތިރާމްކުރުމެވެ.
މަގާމަކަށް ކުރިމަތިލާ މީހަކީ މީދޫ ދެކެ ހަގީގީ ލޯބިވާ މީހަކު ނަމަ، އޭނާގެ ބަސްމަގު ހުންނަންވާނީ އެންމެހައި ރައްޔިތުންނަށް އިހުތިރާމް ލިބޭ ފަދަ ގޮތަކަށެވެ. މުއާމަލާތް ކުރުމުގައި ނިކަމެތި މީހާ ދެރަކޮށް، އޭނާ މަޔޫސްވާ ފަދަ ބަސްތައް ބޭނުންކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ރައްޔިތުންގެ ވޯޓަކުން ހޮވޭ މީހަކީ އެންމެންގެ ހައްގުތައް ހިމާޔަތްކޮށް، ހަމަހަމަކަމާއެކު އަޅާލާނެ މީހަކަށް ވާންޖެހެއެވެ.
ބައެއް ފަރާތްތަކުން މަގާމުތަކަށް ކުރިމަތިލާއިރު، މުޖުތަމައުގައި ތިބި ނިކަމެތި މީހުންނަށް ނިސްބަތްކޮށް "ބަންގާޅީއެކޭ" ނުވަތަ "ފެންނުވަރާ ހުންނަ ނަޖިހެކޭ" ކިޔައި މަލާމާތްކުރުމަކީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތްކަން ހާމަވާ ކަމެކެވެ. މިފަދަ ދަށު ދަރަޖައިގެ ބަސްމަގު ބޭނުންކުރާ މީހުންނަކީ މުޖުތަމައުގެ އިޖުތިމާއީ ފޭރާން ހަލާކުކޮށްލާ ބައެކެވެ. ތިމާއާ ދެބަސްވާ މީހާއަށް ނުވަތަ ދިރިއުޅުމުގެ ހާލަތު ދަށް މީހާއަށް އިހުތިރާމް ކުރަން ނޭނގޭ މީހަކަށް، ރަށެއްގެ ނުވަތަ ރައްޔިތުންގެ މައްސަލަތަކެއް ހައްލެއް ނުކުރެވޭނެއެވެ.
ރަށްޔިތުން ވޯޓްލައިގެން އިންތިޚާބީ މަގާމުތަކަށް މީހުން ހޮވުމުގައި އެ މީހެއްގެ އަޚުލާގާއި، އެހެން މީހުންނަށް ކުރާ އިހުތިރާމަށް ބެލުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނިކަމެތިންނަށް މަލާމާތްކޮށް، ދަށްކޮށްލާ މީހުން މަގާމުތަކަށް ހޮވައިގެން ރަށަށް ލިބޭނެ ކުރިއެރުމެއް ނެތެވެ. ރައްޔިތުން އެދެނީ އޯގާތެރި، ބަސްމަގު ރީތި، އަދި ހުރިހާ ފަންތިއެއްގެ މީހުންނަށް ހަމަހަމަކަމާއެކު އިހުތިރާމް ކުރާނެ ވެރިންނަށެވެ.
މީދޫގެ މުސްތަގުބަލު އުޖާލާ ކުރެވޭނީ މިފަދަ މާތް ސިފަތަކުން ޒީނަތްތެރިވެފައިވާ ފަރާތްތަކަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

