އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2025 ގައި މިމަހުގެ 25 ވަނަ ދުވަހު މީދޫ ކްލަބް ލޮތާރިއާއި މަރަދޫ އެފްސީ ބައްދަލުކުރި މެޗު 1-0 އިން މަރަދޫ އެފްސީން ކާމިޔާބުކޮށްފިއެވެ.
މެޗް ފެށިގެން ފުރަތަމަ 20 މިނެޓުގެ ތެރޭގައި މަރަދޫ އެފްސީ ދެއްކީ ވަރަށް އަވަސް ކުޅުމެކެވެ. މިގޮތުން މަރަދޫގެ ކުޅުންތެރިން ލޮތާރި ޓީމުގެ ލެފްޓް ބެކް ކުޅެމުންދިޔަ ފަޅިން ގިނަ ހަމަލާތަކެއް އުފައްދަމުން ގެންދިޔައެވެ.

މިގޮތަށް އުފެއްދި ހަމަލާތަކުގެ ތެރޭގައި ލޮތާރިގެ ގޯލުކީޕަރު ގިނަ ހަމަލާތަކެއް ދިފާޢުކުރިނަމަވެސް، މެޗުގެ 13 ވަނަ މިނެޓުގައި މަރަދޫ އެފްސީގެ ޒާކީ މުޖުތަބާއަށް ލިބުނު ފުރުޞަތެއްގައި ޒަކީ މުޖުތަބާ ވަނީ މަރަދޫޓީމަށް ގޯލެއް ކާމިޔާބުކޮށްދީފައެވެ.
މަރަދޫ އެފްސީގެ ހަމަލާތައް ލޮތާރީގެ ގޯލަށް އިތުރުވަމުން ދިޔައިރު، ލޮތާރި ޓީމުގެ މެދުތެރެއިން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެވިފައި ނުވާކަން ފާހަގަކުރެވުނެވެ. މިކަމުގެ ސަބަބުން މަރަދޫ އެފްސީގެ ކުޅުންތެރިންނަށް ލޮތާރިގެ ޑިފެންސިވް ލައިންގައި ފުރުޞަތުތައް ހޯދުމަށް ފަސޭހަވެގެން ދިޔައެވެ.
ފުރަތަމަ ހާފުގެ މެދުތެރެއާ ހަމައަށް ދިޔައިރު ލޮތާރި ޓީމުގެ ކޯޗު ގެންނެވި ބަދަލެއްގެ ސަބަބުން ޓީމުގެ ކުޅުމަށް ބޮޑު ބަދަލެއް އައިސްފައިވެއެވެ. ލެފްޓް ބެކްގެ ޕޮޒިޝަންގައި ކުޅެމުން ދިޔަ ކުޅުންތެރިޔާ ބަދަލުކޮށް، އެހެން ކުޅުންތެރިއަކު ނެރުމުން ލޮތާރި ޓީމުގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅުވެގެން ދިޔަ މަންޒަރު ފެނިގެން ދިޔައެވެ.
މި ބަދަލާއެކު ލޮތާރި ޓީމުގެ ހަމަލާތައް އިތުރުވެ، ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލު ޖެހުމުގެ ގިނަ ފުރުޞަތުތަކެއް އެޓީމަށްވެސް ލިބުނެވެ. މީގެ ތެރޭގައި ފާހަގަކޮށްލެވެނީ މަރަދޫ އެފްސީގެ ޑިފެންސިވް ލައިން ކަޓުވާލުމަށްފަހު ލޮތާރި ޓީމުގެ މުޙައްމަދު އިޔާނަށް ލިބުނު ފުރުޞަތެވެ. އެކަމަކު ނަސީބު ގޯސްވުމުން އޭނާއަށް ލިބުނު އެ ރަނގަޅު ފުރުޞަތު ބޭނުންކުރުމުގައި ކާމިޔާބު ނުވިއެވެ.
މިމެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ މަރަދޫ އެފްސީ 1-0 އިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ލޮތާރި ޓީމުގެ ކުޅުމަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާކަން ފާހަގަކުރެވުނެވެ. ކޯޗުގެ އިރުޝާދާއެކު ޓީމުގެ ކުޅުންތެރިން އެއްވެސް ވަރަކަށް ފަހަތަށް ނުޖެހި ކުޅެމުންދިޔައެވެ. މިގޮތުން ދެވަނަ ހާފުގެ ކުޅުމުގައި ލޮތާރި ޓީމުން ދެއްކި ޕަރފޯމަންސްއަކީ ފާހަގަކޮށްލެވޭ ވަރުގެ ރަނގަޅު ކުޅުމެކެވެ.
ފަހު ހާފް ނިމެންދެންވެސް މަރަދޫ އެފްސީގެ ހާފް ތެރޭގައި ލޮތާރި ޓީމުގެ ކުޅުންތެރިން ކުޅެމުން ގޮސްފައިވާއިރު، ގޯލު ޖެހުމުގެ ގިނަ ފުރުޞަތުތަކެއް ލިބި، އެ ފުރުޞަތުތައް ބޭނުންކުރުމުގައި ކާމިޔާބު ނުވިތަން ފެނިގެން ދިޔައެވެ.
ލަނޑެއް ކާމިޔާބު ނުކުރެވި ގިނައިރުވުމުން ލޮތާރި ޓީމުގެ ކޯޗް އެޓީމްގެ ފޯވަރޑް ލައިނަށް ކުޅެމުންދިޔަ ބައެއް ކުޅުންތެރީން ބަދަލުކުރިނަމަވެސް ގޯލު ޖެހުމުގެ ފުރުޞަތުތައް އޭގެ ކުޅުންތެރިއަކަށްވެސް ނުލިބުނެވެ.
މެޗް ނިމުމަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މީދޫ ޓީމުގެ ކޯޗް ޕިންޑޭ ބުނީ މެޗް ފެށުނު އިރު ތަންކޮޅެއް ދަށްކޮށް ދިޔަނަމަވެސް، ވަކި ހިސާބަކުން ކުޅުންތެރިން މެޗުގެ ތެރެއަށް ވަދެ ރަނގަޅަށް ކުޅުނު ކަމަށެވެ. އަދި ޓީމުގެ ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި، ނިންމަން ލިބުނު ފުރުޞަތުތައް ބޭނުން ނުކުރެވުނު ނަމަވެސް، އަންނަ މެޗުތަކުގައި އެކަންތައްތައް ރަނގަޅުކޮށްލުމުން ރަނގަޅުވާނެ ކަމަށް ޕިންޑޭ މީޑިއާއަށްމައުލޫމާތުދެމުން ބުނެފައިވެއެވެ.
"ބަލިވީމަ ހިތްހަމަ ނުޖެހޭ. އެކަމަކު ޓީމުގެ ޕްލޭޔަރުން ކުރި މަސައްކަތާއި ހިތްވަރާ ދޭތެރޭ ހިތްހަމަޖެހޭ."
ޕިންޑޭ ބުނި.
މި މެޗުގައި ކޮޅުކުޅުންތެރިއަކަށް (މޭން އޮފް ދަ މެޗް) ހޮވިފައިވަނީ މަރަދޫ ޓީމްގެ ހަސަން ލައުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

