"އަހަރެމެންގެ ކައުންސިލް އަހަރެމެންނަށޭ" ކިޔައިގެން ދައްކާ ވާހަކަތަކަކީ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ވާހަކަތަކެއްކަމަށް އައްޑޫސިޓީ ކައުންސިލްގެ ހުޅުދޫ ކައުންސިލަރު ފައިޒު ވިދާޅުވެއްޖެވެ. ފައިޒު މިފަދައިން ވާހަކަފުޅު ދައްކަވާފައިވަނީ އައްޑޫސިޓީ ކައުންސިލްގައި މިއަދު ބޭއްވުނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިޒު ވިދާޅުވީ، އައްޑޫސިޓީ ކައުންސިލް އުފެދިފައިވަނީ ވަކިވަކި ރަށްތަކެއް ހިމެނޭގޮތަށް ކަމަށްވެފައި، ކައުންސިލް ހިންގުމުގައި ދަތިތަކެއް ހުރިކަން އިންކާރުނުކުރައްވާކަމަށެވެ.
ނަމަވެސް ފައިޒު އިތުރަށް ފާހަގަކުރެއްވީ ބައެއް ފަރާތްތަކުން މިކަން، ބޮޑުކޮށްގެން ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަމަށެވެ.
އައްޑޫސިޓީ ހިތަދޫން ލިބޭ ޚިދުމަތްތަކުގެ ތެރެއިން އަވަށު އޮފީސްތަކުން ނުލިބެނީ ކޮންކޮން ޚިދުމަތްތަކެއްތޯ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ފައިޒް ވިދާޅުވީ ޕާސްޕޯޓްގެ ޚިދުމަތަކީ ސީދާ ކައުންސިލުން ދޭ ޚިދުމަތަކަށް ނުވިޔަސް، ކައުންސިލުން ކުރި މަސައްކަތާއެކު ސަރުކާރާ ވާހަކަދެކެވި، އައްޑޫސިޓީގެ ހުޅުދޫ މީދޫން ޕާސްޕޯޓް ލިބޭނެ އިންތިޒާމް ހަމަޖެހެމުންދާކަމަށެވެ.
ހަމައެހެންމެ، ފައިޒު ވިދާޅުވިގޮތުގައި ހުޅުދޫ އަވަށު އޮފީހުން އައިޑީކާޑް ސޭމްޑޭއަށް ޕްރިންޓްކޮށްދޭކަމަށާ، ހުޅުދޫގެ ރައްޔިތުންނާ ގުޅުންހުރި ކަންކަން ކައުންސިލަށް ހުށަހެޅުމުން ކައުންސިލުން އެކަންކަމާ ދެކޮޅު ހަދާފައިނުވާކަމަށެވެ.
ފައިޒުގެ އެންމެ ބޮޑު ޝަކުވާއަކީ ރައްޔިތުންނަށް މިކަމުގައި ވާން އުޅޭގޮތާއި ކުރަން އުޅޭގޮތް ބުނެދޭނެ ވަގުތެއް ނެތި އަވަސްއަރުވާލައިގެން މިކަން ކުރަން އުޅުމެވެ. ފައިޒު ވިދާޅުވިގޮތުގައި މިފަދަ ބޮޑު ނިންމުމެއް ނިންމާއިރު 10 ނުވަތަ 15 ދުވަސް ދީފައި ރައްޔިތުންނަށް ފެންނަގޮތެއް ބުނުމަށް އެންގުމަކީ ރަނގަޅުގޮތެއް ނޫންކަމަށެވެ.
"މިކަން ކުރާއިރު މިކަން ކުރަން އުޅެނީ ކިހިނެއްވެގެންތޯ ބަލައި، މިކަންކަމާމެދު ދިރާސާކޮށް، ވިސްނައި ފިކުރުކުރާނެ ވަގުތެއް ނުދީ މިކަން ކުރަން އުޅުމަކީ ގޯހެއް" ކަމަށް ފައިޒު ވިދާޅުވިއެވެ.
ފައިޒު ޔަގީންކަމާއެކު ވިދާޅުވީ، ހުޅުދޫ-މީދޫގެ އާބާދީގެ ތެރެއިން، ޚާއްޞަކޮށް ހުޅުދޫގެ އާބާދީގެ ތެރެއިން 50 ޕަސެންޓް މީހުން ވެސް ވޯޓު ލާން ހާޒިރު ނުވާނެކަމަށެވެ. ނަމަވެސް މައިނޯރިޓީގެ ވޯޓުން މިކަން ބަދަލުވުމުގެ ފުރުސަތު ނެތްކަމަށް ބުނަން ނެތްކަމަށް ފައިޒު ވިދާޅުވިއެވެ.
ކައުންސިލަރު ފައިޒު އިތުރަށް ފާހަގަކުރެއްވީ، ކައުންސިލްގައި އިސްކޮށް މަސައްކަތްކުރައްވާ ޑިރެކްޓަރުންގެ ލެވެލްގެ ބައެއް ބޭފުޅުން ވަކިވެގަތުމަށް ތާއީދުކޮށް ސަލާންޖަހަން ޖެހޭ ވާހަކަ ދައްކަވާއިރު، އެބޭފުޅުން އަދާކުރަންޖެހޭ ޒިންމާތައް އަދާނުކޮށް ތިބެ އެހެން ބައެއްގެ ބޮލުގައި އިލްޒާމު އެޅުވުމަކީ ރަނގަޅުގޮތެއް ނޫންކަމަށެވެ.
އައްޑޫސިޓީ އަވަށެއްގެ ގޮތުގައި ނުތިބެ ރަށު ކައުންސިލެއް އުފެއްދުމަށް މަސައްކަތްކުރުމަކީ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއްކަމަށާއި، ކަންކަން ހިނގަމުންދާގޮތާމެދު ހިތްހަމަނުޖެހޭތީ ރަށު ކައުންސިލް އުފެއްދުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް ރަށުކައުންސިލް އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އެހެންނަމަވެސް، ފައިޒުގެ ވާހަކަތަކުން ދޭހަވަނީ މިއީ ރައްޔިތުންނަށް އެކަށީގެންވާ މަޢުލޫމާތު ދެވިގެން ނިންމަންޖެހޭ ކަމެއްކަމަށާއި، ކަމާގުޅޭ ފަރާތްތަކުން އެބޭފުޅުންގެ ޒިންމާތައް ފުރިހަމައަށް މިކަމުގައި އަދާކުރަމުން ނުދާކަމަށް ދެކޭކަމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

