އަޟްޙާ ޢީދުގެ މުނާސަބަތުގައި މީދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން ބޭއްވި ވާދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން އީޓީއެފްއޭއިން ހޯދައިފިއެވެ. ފައިނަލްގައި އެމްޓީސީސީއާ ބައްދަލުކުރި އީޓީއެފްއޭއިން ޗެމްޕިއަންކަން ހޯދީ ސީދާ ދެ ދެމުމުން މޮޅުވެގެންނެވެ.
ގްރޫޕް މަރުޙަލާގައި މި ދެ ޓީމް ބައްދަލުކުރިއިރު އެމްޓީސީސީ މޮޅުވެފައިވީނަމަވެސް، ފައިނަލްގައި މެޗްގައި އީޓީއެފްއޭ އަތުން އެމްޓީސީސީ ބަލިވެފައިވަނީ ފަސޭހަކަމާއެކުގައެވެ.
"މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެގެން އައީ. ގްރޫޕް މަރުޙަލާގައި އެމްޓީސީސީއަތުން ބަލިވި ނަމަވެސް، އެމަރުޙަލާގައި އެޓީމުގެ ސްޓައިލް ދެނެގަނެ، ފައިނަލަށް ރަނގަޅު ސްޓްރެޓެޖީއެއް ރޭވިން. ކުޅުންތެރިންގެ ހިތްވަރާއި އެކުވެރިކަމުގެ ސަބަބުން މިކާމިޔާބީ ހޯދުނީ. މިއީ އަޅުގަނޑުމެންގެ ޓީމަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ޚާއްޞަކޮށް ގްރޫޕް މަރުޙަލާގައި ބަލިވެފައި އޮތް ޓީމަކާ ދެކޮޅަށް ފައިނަލްގައި މޮޅުވެވުނުކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ކުރިޔަށް އޮތް އަހަރުތަކުގައިވެސް މިފަދަ މުބާރާތްތަކުގައި ބައިވެރިވެ، ރަށުގެ ޒުވާނުންނަށް ރަނގަޅު ނަމޫނާއެއް ދެއްކުމަށް މަސައްކަތްކުރާނަން،"
އީޓީއެފްއޭގެ ކޯޗް ގާރީ ވީއޯއެމްއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވާދަކޮށްފައިވެއެވެ. އެއީ އީޓީއެފްއޭ، އެމްޓީސީސީ، ހަނދުވަރު، ވިލުނު އަދި ފެނަކައެވެ. މުބާރާތް ކުރިޔަށް ގޮސްފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ފައިނަލަށް ހޮވޭ ގޮތަށެވެ.
މީދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މާނާ ވިދާޅުވިގޮތުގައި، "އަޟްޙާ ޢީދުގެ މުނާސަބަތުގައި ޒުވާނުންނަށް އުފާވެރި ވަގުތުތަކެއް ހޯދައިދިނުމަށާއި، ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ވާދެމުމުގެ ކުޅިވަރު އާލާކުރުމަށް މި މުބާރާތް ބޭއްވީ. އަދި ކުރިޔަށް އޮތް އަހަރުތަކުގައިވެސް މިފަދަ މުބާރާތްތައް ބޭއްވުމަށް ވަނީ ރާވާފައި."
ފައިނަލްމެޗް ނިމުމުން މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުނެވެ. މިގޮތުން ޗެމްޕިއަންކަން ހޯދި އީޓީއެފްއޭއަށް ކައުންސިލްގެ ފަރާތުން ހުށަހަޅާފައިވާ 10,000 ރުފިޔާގެ ފައިސާގެ އިނާމާއި ކައުންސިލަރު ސޯލިހާ ދެއްވި ޓްރޮފީ އެޓީމާ ހަވާލްކޮށްދެއްވީ ފައިނަލްމެޗްގެ ޝަރަފުވެރިމެހްމާނު ކުރީގެ ކައުންސިލަރު ހަސަން ޝާހިދެވެ. ދެވަނައަށް ހޮވުނު އެމްޓީސީސީއަށް ކައުސިލަރު އާމިނަތު ސާލިހާ ދެއްވި 5,000 ރުފިޔާ އަދި ތިންވަނައަށް ވިލުނު ޓީމަށް ކައުންސިލަރު ސޯލިހާ ދެއްވި އިނާމުވެސް އެޓީމްތަކާއި ހަވާލްކޮށްދެއްވީ ޝަރަފްވެރި މެހުމާނު ކުރީގެ ކައުންސިލަރު ހަސަން ޝާހިދެވެ.
ވާދެމުމަކީ ދިވެހިރާއްޖޭގައި ޒަމާންވީ ކުޅިވަރެކެވެ. ޚާއްޞަކޮށް ޢީދު ދުވަސްތަކުގައި ރަށްރަށުގައި ބާއްވާ މިފަދަ މުބާރާތްތަކަކީ ރައްޔިތުންގެ މެދުގައި އެކުވެރިކަން އުފެއްދުމަށާއި، ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކުރުމަށް ބާއްވާ މުހިންމު ހަރަކާތްތަކެކެވެ.
މީދޫ ކައުންސިލަރު އާމިނަތު ސޯލިހާ ވިދާޅުވިގޮތުގައި، "މިފަދަ ކުޅިވަރު ހަރަކާތްތަކަކީ އަޅުގަނޑުމެންގެ ޘަޤާފީ އާދަކާދަތައް ދިރުވައި އާލާކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް. ޚާއްޞަކޮށް ޢީދު ދުވަސްތަކުގައި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމަށް މިފަދަ ހަރަކާތްތައް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް."
މި މުބާރާތް ކާމިޔާބުކަމާއެކު ނިމުމާގުޅިގެން، ކުރިޔަށް އޮތް އަހަރުތަކުގައިވެސް މިފަދަ މުބާރާތްތައް ބޭއްވުމަށް މީދޫ އަވަށު އޮފީހުން ވަނީ ނިންމާފައެވެ. އަދި މިފަދަ މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކުގެ އަދަދު އިތުރުކޮށް، އަންހެނުންގެ ޓީމުތަކަށްވެސް ފުރުޞަތު ހުޅުވާލުމަށް ވަނީ ރޭވިފައެވެ.
"އަންނަ އަހަރު މި މުބާރާތް އިތުރަށް ފުޅާކޮށް، އަންހެން ޓީމުތަކަށްވެސް ފުރުޞަތު ހުޅުވާލާނަން. އަދި ޢީދުގެ ހަރަކާތްތަކުގެ ތެރޭގައި ތަފާތު ކުޅިވަރުތައް ހިމެނުމަށްވެސް ވިސްނަމުން ގެންދަނީ،"
ކައުންސިލަރު ސޯލިހާ ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް